ވިޔަފާރި

މަންޓާ އެއަރގެ ދަތުރުތައް ކޫއްޑޫއަށް ފަށައިފި


މަންޓާ އެއާއިން ގއ. ކޫއްޑުއަށް ދަތުރުތައް ފަށައިފިއެވެ.

މަންޓާ އެއަރއިން ކޫއްޑޫއަށް ދަތުރުތައް ރަސްމީކޮށްފަށާފައިވަނީ ބުރާސްފަތި ދުވަހުއެވެ. މަންޓާ އެއަރއިން ކޫއްޑޫއަށް ރަސްމީކޮށް ދަތުރުތައްފެށި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުއެވެ.

މި ރަސްމިއްޔާތުގައި މަންޓާ އެއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުހައްމަދު ހަލީލުގެ އިތުރުން ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އެޑްވަޑް އެލްސްފޯޑް އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.

މަންޓާ އެއަރއިން ކޫޢްޑޫއަށް ދަތުރުތައް ފަށާފައިވާއިރު ހަފުތާއަކު ބާއްވާނީ ދެ ފްލައިޓްކަމަށް އެ އެއަރލައިނުން ބުނެއެވެ. އަންނަ ޖެނުއަރީމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަންޓާ އެއާރ މެދުވެރިކޮށް ކުއްޑޫއަށް 829ރ. އަށް ދަތުރު ކުރެވޭނެއެވެ.

ކޫއްޑޫއަކީ މަންޓާ އެއާއިން ދަތުރު ފެށި، ތިން ވަނަ މަންޒިލެވެ. ކޫއްޑޫގެ އިތުރުން އެ އެއާލައިނުން ދަނީ ދަރަވަންދޫ އާއި ދާލު އެއާޕޯޓަށްވެސް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

ދާދިފަހުން މަންޓާ އެއަރއިން ވަނީ އެ އެއަރލައިންގެ ސީޕްލޭން ޓަރމިނަލް ހުޅުވައި ދަތުރުތައް ރަސްމީކޮށް ފަށާފައެވެ. އެ އެއަރލައިންގެ ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރުމަށް 6 ބޯޓެއް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މިވަގުތު ސީޕްލޭން ދަތުރުތައް ބާއްވަނީ ހަމައެކަނި ރިސޯޓްތަކަށެވެ.