ވިޔަފާރި

އޮކްޓޯބަރުމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 15.4 އިންސައްތަ އިތުރު


މިދިޔަ އަހަރުގެ އޮކްޓޯބަރުމަހާއި އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރުމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 15.4 އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިއަހަރުގެ އޮކްޓޯބަރ މަހާއި ހަމައަށް ރާއްޖެއަށް 1،393،618 ( އެއްމިލިއަން ތިންލައްކަ ނުވަދިހަ ތިންހާސް ހަސަތޭކަ އަށާރަ) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށެވެ. އަދި މިއަހަރުގެ އޮކްޓޯބަރމަހު ރާއްޖެއަށް ޒިޔާރަތްކުރީ 141928 (އެއްލައްކަ ސާޅީސްއެއްހާސް ނުވަސަތޭކަ އަށާވީސް) ފަތުރުވެރިންނެވެ. މިއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހާއި އަޅާބަލާއިރު 11.4 އިންސައްތައިގެ އިތުރުވުމެކެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އަދި ދިގުރާސްތާގައި ސަރުކާރުގެ ސިޔާސަތަކީ ވެރިކަމުގެ 5 އަހަރު ނިމޭއިރު ރާއްޖެއަށް ކޮންމެ އަހަރަކު 2.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.