ޚަބަރު

މަތީ ތަޢުލީމުގެ ލޯނު ސްކީމަށް ބަދަލުތަކެއް ގެންނަނީ


މަތީ ތަޢުލީމުގެ ލޯނު ސްކީމަށް ބަދަލުތަކެއް ގެނައުމަށްފަހު އަންނަ އަހަރުގެ ކުރީކޮޅު ލޯނަށް އެދި ހުށައެޅުމަށް ހުޅުވާލާނެކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހާމަކުރައްވައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ޙަސަން ވިދާޅުވީ އަންނަ އަހަރު ލޯނުގެ ފުރުސަތަށް ހުޅުވާލާއިރު ބޮޑު 2 ބަދަލެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެންމެ މުހިއްމު އެއްބަދަލަކީ މަތީ ތަޢުލީމު ހާސިލުކުރުމަށް މާލީ ފުދުންތެރިކަން ނެތް ފަރާތްތަކަށް އިސްކަންދިނުންކަމަށެވެ. އެގޮތުން ފާއިތުވި އެއް އަހަރުތެރޭގައި މަތީ ތަޢުލީމުގެ ފުރުސަތުތަކަށް އެދި ހުށައަޅާ ދަރިވަރުންގެ ނިސްބަތް އިތުރުވެ މީގެތެރޭގައި ޝަރުތު ހަމަވާ ދަރިވަރުން ގިނަކަން ފާހަގަކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފުރުސަތަކީ ދަރިވަރުން ނުހަނު ބޭނުން ކަމެއްކަން ދެނެގަނެވިފައިވާކަމަށާއި މީގެތެރެއިންވެސް މާލީ ގޮތުން ތަނަވަސްކަން ނެތް ކުދިންނަށް ކުރިއަށް އޮތް ތަނުގައި އިސްކަން ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަނެއް ބަދަލެއްގެ ގޮތުން ފެނިގެންދާނީ ރާއްޖޭގައި ރީޖަނަލް އެލޮކޭޝަންތަކެއް ހެދިގެން ދިޔުންކަމަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރުން ދެއްވާ މަތީ ތަޢުލީމުގެ ފުރުސަތު ނުލިބޭ ދާއިރާތައް ރާއްޖޭގައި ނެތްކަން ކަށަވަރުކުރުމެވެ. އެގޮތުން މިހާރު މަތީ ތަޢުލީމުގެ ފުރުސަތުތައް ދެމުންދާ އުސޫލު އޮތް ގޮތުން ރާއްޖޭގެ ބައެއް ދާއިރާތަކަށް ފުރުސަތުތައް ނުލިބި އޮވެދާނެކަމަށް ލަފާކުރެވޭތީ އެފަދަ ކަންކަމަށް އޮތް ފުރުސަތު ހަނިކުރުމަކީ މިބަދަލު ގެނައުމުގެ މައިގަނޑު ބޭނުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ދަރިވަރުންނަށްވެސް ހަމަހަމަ އުސޫލުގެ މަތިން ތަޢުލީމުގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ހަޔަރ އެޑިއުކޭޝަނުން ވިދާޅުވީ މިބަދަލުތަކާއެކު އަންނަ އަހަރަށް ކަނޑައަޅާފައިވާ ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށެވެ.

ސަރުކާރުން ދެމުންގެންދާ މަތީ ތަޢުލީމުގެ ފުރުސަތުގެ ދަށުން މިހާތަނަށް 567 ދަރިވަރުނަށް ފުރުސަތު ދީފައިވާކަމަށްވެސް ހަޔަރ އެޑިއުކޭޝަނުން މަޢުލޫމާތުދެއެވެ.