ޚަބަރު

ކޯޕަރޭޓް ސްކޮލަރޝިޕްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަނީ


މަތީ ތައުލީމްގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ ކޯޕަރޭޓް ސްކޮލަރޝިޕްއަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އަހަރު ހުޅުވާލުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްތަރ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވެއްޖެއެވެ.

ކޯޕަރޭޓް ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ސްކީމަކީ ބޭރުގެ އެކި ޔުނިވާސިޓީތަކުން ރާއްޖެއަށް ދީފައިވާ ޕާޝަލް ސްކޮލަޝިޕްތައް ރާއްޖޭގެ ކުންފުނިތަކުން ސްޕޮންސަރކުރާ ގޮތަށް ތަޢާރަފްކޮށްފައިވާ ސްކީމެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މި ސްކީމްގައި ބައިވެރިވެފަތިބި ކުންފުނިތަކަށް ރާއްޖެއަށް ލިބިފައިވާ ސްކޮލަރޝިޕްގެ މަޢުލޫމާތުތައް ހިއްސާކޮށްފައިވާކަމަށެވެ. އަދި އެފަރާތްތަކުން ސޮޕޮންސަރ ކުރަންބޭނުންވާ ކޯސްތަކުގެ މަޢުލޫމާތު ލިބުމުން، ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯޕަރޭޓް ސްކޮލަޝިޕަށް އިއުލާނުކުރުމާއި އެކަމަށް ދަރިވަރުން ހޮވުން ކުރިއަށްގެންދާނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެއަށްފަހު އެ ދަރިވަރަކާއި އެ ސްކޮލަޝިޕްގެ ބާކީ ބައި ސްޕޮންސާކުރި ކުންފުންޏާ ދެމެދު އެއްބަސްވުމެއް ހަދަން ޖެހެއެވެ. އަދި އެ ދަރިވަރަކު ކިޔަވާ ނިމުމުން އެ ކުންފުންޏަކަށް ޚިދުމަތް ކުރަންޖެހެއެވެ.

މިހާރު ވެސް ސަރުކާރާއި އަމިއްލަ 12 ކުންފުންޏަކުން އެ ސްކީމުގައި ބައިވެރިވެފައިވެއެވެ. މިގޮތުން ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެޗްޑީސީ، ދިރާގު، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެމްޓީސީސީ، އެސްޓީއޯ އަދި އެމްއޭސީއެލްވަނީ މި ސްކީމްގައި ބައިވެރިވެފައެވެ. އަދި އަމިއްލަ ކުންފުނިތަކުގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އުރީދޫ ވަނީ ބައިވެރިވެފައެވެ.