ކުޅިވަރު

1 ޕޮއިންޓުންވެސް ބަލިވާން ބޭނުމެއް ނޫން - ޒަބީ


1 ޕޮއިންޓުގެ ތަފާތުންވެސް ބަލިވެގެން މެޗުން ފައިބަން ބޭނުން ނުވާކަމަށް ގައުމީ ފިރިހެން ބާސްކެޓު ބޯޅަ ޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އަޙްމަދު ޒަބީރު ( ޒަބީ) ބުނެފިއެވެ.

އަންނަ އާދީއްތަ ދުވަހު ނޭޕާލުގައި ފަށާ ސައުތ އޭޝިއަން ގޭމްސަށް ތައްޔާރުވުމަށް ގައުމީ ބާސްކެޓު ބޯޅަ ޓީމު މިހާރުދަނީ ޗައިނާގެ ކުންމިންގައި ކޭމްޕު ކުރަމުންނެވެ. ޗައިނާގެ ކުންމިންގެ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސް ޓީމާއި ވާދަކޮށް ދިވެހި ޓީމު ބަލިވީ 61 ޕޮއިންޓް 60 ޕޮއިންޓުންނެވެ.

ޒަބީރު ބުނީ މުހިންމީ 1 ޕޮއިންޓް ނޫންކަމަށާއި މުހިންމީ މެޗުން މޮޅުވެގެން ފޭބުންކަމަށެވެ. މެޗުން މޮޅުވެގެން ފައިބަން މިހާރު ދަސްކުރަން ޖެހޭކަމަށާއި، މެޗުތަކުގައި ރަގަނޅު ވާދައެއްކޮށް ބަލިވުން ބޭނުން ނުވާކަމަށްވެސް ޒަބީރު ބުންޏެވެ. ޔުނާން ޔުނިވަރސިޓީއާ ދެކޮޅަށް ކުޅުނު މެޗްގައި ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަގަނޅަށް ކުޅުނު ނަމަވެސް މެޗުން ބަލިވީ ސްކޯ ކުރަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފިގެންކަމަށް ޒަބީރު ބުންޏެވެ.

ޒަބީރު ބުނީ ޔުނާން ޔުނިވަރސިޓީން މެޗު ކާމިޔާބުކުރީ އެންމެ ފަހު ވަގުތުގައި އެޓީމުގެ ތަޖުރިބާ ބޭނުންކޮށްގެންކަމަށެވެ. މިމެޗުގައި ދިވެހި ޓީމަށް ސްކޯކުރުމަށް ގިނަ ފުރުސަތު ލިބި ވަނީ ބޭކާރުވެފައެވެ. މުޅި މެޗުގައި ގިނަ ވަގުތު ލީޑުގައި އޮވެ ކުޅުނީ ޔުނާން ޔުނިވަރސިޓީގެ ޓީމުންނެވެ. މެޗުގައި ރާއްޖެއަށް ލީޑު ލިބުނީ އެންމެ ދެ ފަހަރު އެވެ. ގައުމީ ބާސްކެޓް ޓީމްގެ އެންމެ ތަޖްރިބާކާރު އެއް ކުޅުންތެރިބާ ޒަބީރު ބުނީ ޕްރެޝަރުގައި ސްކޯކުރަން ލިބޭ ފުރުސަތުގައި ސްކޯކުރަން ރާއްޖޭގެ ކުޅުންތެރިން ދަސްކުރަން ޖެހޭކަމަށެވެ.

"މެޗްގައި އަހަރެމެން ޖެހުނީ ގިނަ ވަގުތު ސްކޯ ފަހަތުން ދުވަން. ނަތީޖާ އެއްވަރުކޮށްފައިވެސް ލީޑު ނަގާކަށް ރާއްޖޭގެ ޓީމަށް ގިނަ ވަގުތު ފުރުސަތެއް ނުލިބުނު. އަބަދުވެސް ފަހަތުން އަރަންޖެހިފައި އޮތީ. މި ކަންކަން އަޅުގަނޑުމެން އެބަޖެހޭ ރަގަނޅު ކުރަން. ރާއްޖޭގެ ޓީމުން ލީޑް ނަގާފަ، ލީޑް ދަމަހައްޓަން ދަސްކުރަންޖެހޭ. އެކުވެރިކަމުގެ މެޗެއް ވިއަސް މިހާރު މޮޅުވުން މަޖުބޫރު. މެޗުތަކުން މޮޅުވެގެން ނޫނީ، މޮޅުވުމުގެ ރޫހެއް ޓީމުގެ ތެރޭގައި ނުއުފެދޭނެ." ޒަބީ ބުންޏެވެ.

ގައުމީ ޓީމު ޗައިނާގެ ކުންމިންގައި ކުރަމުންދާ ކޭމްޕްގައި އަދި އިތުރު 2 މެޗު ކުޅުމަށް ހަމަޖެހިފައި ވެއެވެ.