ޚަބަރު

ނަރސިންގ ކެމްޕޭން ރާއްޖޭގައި ފަށައިފި


ނަރުހުން ބާރުވެރިކުރުވުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ނަރސިންގ ކެމްޕެއިން" އިފްތިތާޙުކޮށްފިއެވެ. މިކެމްޕެއިން އިފްތިތާޙުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުންނެވެ.

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯ ގުޅިގެން ކުރިއަށް ގެންދާ ނަރސިންގ ކެމްޕެއިން އިފްތިތާޙުކޮށްދެއްވީ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައިވަނީ މޯލްޑިވްސް ނަރސިންގ އެސޯސިއޭޝަންގެ ރަސްމީ ވެބްސައިޓުވެސް ލޯންޗުކޮށްފައެވެ. މިވެބްސައިޓު ލޯންޗުކޮށް ދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީނެވެ.

ނާރސިން ކެމްޕެއިންގެ އަމާޒަކީ ނަރުހުން މިހާރަށްވުރެ ބޮޑަށް ބާރުވެރިކުރުވައި ނަރުހުންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމެވެ. މީގެ އިތުރުން 21ވަނަ ޤަރުނުގައި އިންސާނިއްޔަތަށް ދިމާވެފައިވާ ސިއްޙީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ނަރުހުންގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަކީވެސް މި ކެމްޕެއިންގެ އަމާޒެކެވެ. މީގެ އިތުރުން ނަރުހުން ބިނާކުރުމަށް ކުރާ ހޭދަ އިތުރުކުރުމަށް ބާރުއެޅުމަކީވެސް އަމާޒެކެވެ.

ޖުމްލަ 5 ލަނޑުދަނޑިއެއްގެ ޙާސިލުކުރުމަށް ކުރިއަށްގެންދާ މިކެމްޕެއިނުގެ އެންމެ ފުރަތަމަ ވޯކްޝޮޕް، ބުދަދުވަހާއި ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖައްސާފައެވެ. މިވޯކްޝޮޕްގައި 54 ނަރުހުން ބައިވެރިވާއިރު މީގެތެރެއިން 19 ނަރުހުންނަކީ އަތޮޅުތެރެއިން ބައިވެރިވާ ނަރުހުންކަމަށް ނަރސިންގ އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ.އަރްވިންދް މާތުރް ވިދާޅުވީ ސިއްޙީ ނިޒާމަކީ ފުރިހަމަ ހަރުދަނާ ނިޒާމަކަށް ހެދޭނީ ސިއްޙީ ޚިދުމަތްތެރިން ހަރުދަނާކޮށްގެންކަމަށެވެ. އޭގެތެރޭގައިވެސް ނަރުހުންގެ ހިއްސާ ބޮޑުކަން އޭނާ ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނަރސިންގ އެސޯސިއޭޝަންގެ ރައިސާ އާޝިޔާ ރަޝީދު ވިދާޅުވީ މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ކެމްޕެއިނެއްކަމަށެވެ. މި ކެމްޕެއިނުގެ ސަބަބުން ނަރުހުންނަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލުލިބި ނަރުހުން މިހާރަށްވުރެ ބާރުވެރިވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"ނަރސިންގ ނައު" ކެމްޕެއިންގެ ތެރެއިން ދެމެހެއްޓެނިވި ގޮތަކަށް ނަރުހުންނަށް ވޯކްޝޮޕްތައް ހިންގުމަށް ރާވާފައިވެއެވެ. އަދި މިހާރަށްވުރެ ބަލިމީހުންނާ ގާތުން މަސައްކަތްކުރުމުގެ ގޮތްތަކެއް ދެނެގަތުމުގެ މަސައްކަތްކުރުމަށްވެސް ވަނީ ނިންމާފައެވެ.

ނަރސިން ކެމްޕެއިނަކީ ޑަބްލިއުއެޗްއޯއާއި އިންޓަރނޭޝަނަލް ކައުންސިލްސް އޮފް ނަރސެސް ގުޅިގެން 2018 ވަނަ އަހަރުން 2020 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ. 5 ލަނޑުދަނޑިއެއް ހާސިލުކުރުމަށް ކުރިއަށްގެންދާ މިކެމްޕޭން ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރު ފަށާފައިވާކަމަށް މޯލްޑިވްސް ނަރސިންގ އެސޯސިއޭޝަނުން ވިދާޅުވެއެވެ.