ޚަބަރު

ޕީޖީއޭގެ އެގްޒެކެޓިވް ބޯޑަށް ރޮޒެއިނާ އިންތިޚާބުވެއްޖެ


ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ)ގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރަކަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އިންތިޚާބުވެޑައިގެންފިއެވެ.

ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން، ޕީޖީއޭ އަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާއި ޤާނޫނު ހަދާ މަޖިލިސްތަކަށް ގާނޫނާއި ޚިލާފަށް ކުރެވޭ އަމަލުތަކާއި ދެކޮޅަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާއެކެވެ. އެ ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑަށް ރޮޒޭނާ އިންތިޚާބް ކޮށްފައިވަނީ އެޖަމްއިއްޔާގެ 44 ވަނަ އަހަރީ ބައްދަލުވުމުގައެވެ. ރޮޒޭނާ އިންތިޚާބް ކޮށްފައިވަނީ އެބޯޑުން ހުސްވެފައިވާ 7 މަޤާމުގެ ތެރެއިން އެގްޒެކެޓިވް ބޯޑަށެވެ.

ޕީޖީއޭގެ އަހަރީ ބައްދަލުވުމުގައި މެމްބަރުންނާއި މުޚާތަބު ކުރައްވައި ރޮޒޭނާ ދެއްވި ތަޤަރީރުގައި ވިދާޅުވީ ރާއްޖެ ޑިމޮކްރަސީއަށް ކުރަމުންދާ ދަތުރުގައި ފާއިތުވެދިޔަ 5 އަހަރަކީ ޑިމޮކްރަސީއާއި ބީރައްޓެހި ހުދުމުހުތާރު ވެރިކަމެއް ކުރެވިގެންދިޔަ 5 އަހަރުކަމަށެވެ. އަދި ރާއްޖޭގައި އިންސާނިއްޔަތާއި ޚިލާފަށް ހިންގަމުންދިޔަ އަމަލުތަކާއި، ޤާނޫނުތައް މުށުތެރިއަށްލުމަށްޓަކައި ވެރިކަން ކުރެއްވި ފަރާތުން ކުރެއްވި މަސައްކަތާއި، ވައްކަމާއި ކޮރޮޕްޝަން އާންމުވުމުން އެކަންކަމާއި ދެކޮޅަށް ކުރަންޖެހުނު މަސައްކަތަކީ ބޮޑު އަދި ބުރަ މަސައްކަތެއްގެ ގޮތުގައި ރޮޒޭނާ ފާހަގަކުރެއްވިއެވެ.

މިމަސައްކަތުގެ ތެރެއިން 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވުމަށްފަހު ގެއްލިފައިވާ އެތަކެއް ހައްގެއް ފާއިތުވެދިޔަ 1 އަހަރުގެ ތެރޭގައި އިޔާދަކޮށްދެއްވާފައިވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިންވަނީ ނިމިދިޔަ ވެރިކަމުގައި މަޖިލީހުގެ 12 މެމްބަރުންނާއި ދެކޮޅަށް ނުހައްގުން ހިންގި އަމަލުތަކާއި، ވަކިވަކި މެމްބަރުންނައި ދެކޮޅަށް އޭރުގެ ސަރުކާރުން ހިންގި ކަންކަން ކުށްވެރިކޮށް އެތައް ފަހަރެއްގެ މަތިން ބަޔާންތައް ވަނީ ނެރުއްވާފައެވެ.