ޚަބަރު

މަޖިލީހުގެ ފަހު ދައުރު އިތުރުކުރުމަށް ފާސްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެފަހު ދައުރު ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހާއި ހަމައަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މިއަހަރުގެ ތިންވަނަ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ނަމަވެސް މަޖިލީހުގައި އަދިވެސް މުހިންމު ގިނަ މަސައްކަތްތަކެއް ކުރުމަށް ހުރުމާއެކު ޑިސެމްބަރު 5 ވަަނަ ދުވަހާއި ހަމައަށް ދައުރު އިތުރުކުރުމަށް ނިންމާފައިވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވިއެވެ. މަޖިލީހުގެ މި ދައުރުގައި ނިންމުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ބަޖެޓް ފާސްކުރުމާއި، ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާހުތައް ފާސްކުރުން ހިމެނެއެވެ. މިއަހަރުގެ ފަހު ދައުރު އިތުރުކުރުމަށް ވޯޓަށް އެހުމުން 45 މެންބަރުން ވަނީ ތާޢީދުކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސްގެ ގަވާއިދު ބުނާގޮތުން މަޖިލިސް ހިންގަމުންދާނީ ތިން ދައުރަކަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ފެށޭނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް މަޖިލީހުގެ ޤަވާއިދު ބުނެއެވެ.

މަޖިލީހުގެ މެންބަރުންނަށް ކޮންމެ އަހަރަކުވެސް ތިން މަސް ދުވަސް، ޗުއްޓީގެ ގޮތުގައި ލިބެއެވެ.