ޚަބަރު

މެރާކީ ކޮފީޝޮޕަށް ގެއްލުންދިން 2 މީހަކު ހައްޔަރުކޮށްފި


މެރާކީ ކޮފީޝޮޕަށް ގެއްލުންދިން 2 މީހަކު ހައްޔަރުކޮށްފިއެވެ.

"މެރާކީ ކޮފީޝޮޕް" އަށް ގެއްލުންދިން މީހުންގެ މައްސަލާގައި މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ އެމައްސަލާގައި މިހާތަނަށް 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި މިމައްސަލާގައި ޝަމިލުވާ އަނެއް ދެމީހުން ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުންދާކަމަށް އިމްރާން ވިދާޅުވިއެވެ.

"މެރާކީ ކޮފީޝޮޕް" އަށް ގެއްލުންދީފައިވަނީ ހޮނިހިރުދުވަހުގެރޭ 11 ޖަހާކަންހާއިރުއެވެ. މެރާކީ އަށް ގެއްލުން ދިނުމަށް ފަހު އެތަނަށް ވަނީ އިންޒާރެއް ވެސް ދީފައެވެ. މިމައްސަލައިގެ އިތުރުން ކަނޑުމަތީގައި މީހަކަށް ހަމަލާދީ ކަނޑުމައްޗަށް އެއްލާލި މައްސަލާގައި ހަމަލާދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. ނަމަވެސް މިމައްސަލާގައި އޭނާ ހައްޔަރުކުރި ދޯންޏާއި، ދޯނީގައި ތިބި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހަރުކަށި ވިސްނުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން މެމްބަރުން ތަކުރާރުކޮށް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ފުލުހުންގެ މުވައްސަސާއިން މިކަންކަން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށެވެ. އަދި އެއްވެސް ޚާލެއްގަގައި ހަރުކަށި ވިސްނުމާއި، ގާނޫނާއި ޚިލާފަށް ހިންގާ ކަންކަން ހުއްޓުވުމުގައި ފުލުހުން ފެއިލްވެފައިވާކަމަށް ދެކެވަޑައި ނުގަންނަވާކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ހަރުކަށި ވިސްނުމާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ އެކަށީގެންވާ ނަތީޖާއެއް ނުފެންނަކަށްބުނެ ގިނަ މެމްބަރުން ދިޔައީ މިނިސްޓަރަށް ސުވާލު އަމާޒުކުރަމުންނެވެ. މިމައްސަލާގައި މަޖިލިސް ރައީސް ވިދާޅުވީ މެމްބަރުންގެ ކަންބޮޑުވުން ހުރި މިންވަރު މަޖިލިސް ތެރެއިން ފެންނަމުންދާކަމަށެވެ. އަދި މިމައްސަލާގައި މެމްބަރުންގެ ހުރި ކަންބޮޑުވުންތައް ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނައުމަށް ފޮނުވާފައިވާކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.