ޚަބަރު

ޒަމާނީ ސިވިލް ރެޖިސްޓްރޭޝަން ނިޒާމުގެ ބިލެއް އެކުލަވާލަނީ


ރާއްޖޭގެ ސިވިލް ރެޖިސްޓްރޭޝަން ނިޒާމު ހަރުދަނާކުރުމަށް، ޒަމާނީ ސިވިލް ރަޖިސްޓްރޭޝަން ނިޒާމުގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓަރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ސިވިލް ރެޖިސްޓްރޭޝަން ނިޒާމަކީ، އަލަށް އުފަންވާ ކުދިންނާއި، މަރުވާ މީހުންނާއި ކައިވެނި ފަދަ ކަންކަން ރަޖިސްޓްރީކުރާ ނިޒާމެވެ. މިނިޒާމު ޒަމާނީކުރުމުން، އިންސާނީ ހައްޤުތައް ރާއްޖޭގައި އިތުރަށް ކަށަވަރުވެގެންދާނެކަމަށް ޕްލޭނިންގް މިނިސްޓަރ ވިދާޅުވިއެވެ.

ދެކުނު އޭޝިއާ ޤައުމުތަކުގެ ސިވިލް ރެޖިސްޓްރޭޝަން ތަޖުރިބާކާރުންގެ 2ވަނަ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓަރަކްޗަރ މުޙައްމަދު އަސްލަމްވަނީ ރާއްޖެއިން ސިވިލް ރަޖިސްޓްރޭޝަންގައި ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފައެވެ.

އުފަންވާ ހިސާބުން ކުދިންނަށް ޚާއްސަ އައިޑެންޓިޓީއެއް ދިނުމާއި، މަރުވާމީހުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ކޯޓުން ބޭރުން ކައިވެނި ނުކުރެވޭގޮތަށް ޤާނޫނުގައި ކަނޑައަޅާފައިވުމަކީ ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި ކަންކަން ރަޖިސްޓަރ ކުރުމުގައި ރަނގަޅުނިޒާމެއް އޮތްނަމަވެސް، މި މަޢުލޫމާތު އެންމެ ރަނގަޅަށް ނޭނގޭކަމަށާ، ޢާއްމުންނަށް ފަސޭހައިން މިކަންކަން އެނގޭނެހެން އެންމެ ފުރިހަމައަށް މާއުލޫމާތު އާންމު ނުކުރެވޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ފާހަގަކޮށްލަންޖެހޭ ރާއްޖޭގައި ރަޖިސްޓަރ ކުރުމުގައި ރަނގަޅު ނިޒާމެއް އޮތްނަމަވެސް، ރާއްޖޭގައި އަދިވެސް މި މަޢުލޫމާތުތަށް އެންމެ އެކަށޭނަގިތެއްގައި އާންމު ނުކުރެވޭ. އެގޮތުން އަދިވެސް އަޅުގަނޑުމެންނަށް 2018 ވަނަ އަހަރު އުފަންވި ކުދިންނާއި މަރުވި ފަރާތްތަކުގެ ޑޭޓާ އަދިވެސް އާންމު ނުކުރެވޭ. މި މައްސަލަތަށް ހައްލުކުރެއްވުމަށް ރާއްޖޭގެ ސިވިލް ރެޖިސްޓްރޭޝަން ނިޒާމު ހަރުދަނާކުރުމަށް، ޒަމާނީ ސިވިލް ރެޖިސްޓްރޭޝަން ނިޒާމުގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން މިދަނީ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓަރަކްޗަރއިން ކުރި ޓުއީޓް

ސަރުކާރުން މިނިޒާމު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، ޤާނޫނުން ބޭރުން އުޅެންބޭނުންވާ ބަޔަކު ރާއްޖޭގައި އުޅޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެފަދަ މީހުންގެ ޢަމަލުތަކުގެ ސަބަބުން ގިނަ ޢާއިލާތަކެއް ބިކަވެ އިންސާނީ ހައްޤުތަކުން މަޙްރޫމްވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މިއިވެނީ 13 އަހަރު ކުއްޖެއް ޝަރުޢީ ކައިވެންޏެއް ނުކޮށް ބަލިވެ އިން ވާހަކަ. ކޮބާތޯ އެ ކުޑަކުއްޖާގެ ހައްޤު. ކޮބާތޯ އެ ވިހޭ ކުޑަކުއްޖާހެ ހައްޤު. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޤާނޫނީ ނިޒާމުގައި އޮތް ސިވިލް ރަޖިސްޓްރޭޝަން ނިޒާމުގައި ބައިވެރިވާން ބޭނުންނުވާ މީހުން އުޅޭ. މިކަމުގެ ސަބަބުން އެތަށް ބަޔަކަށް ގެއްލުންވޭ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓަރަކްޗަރއިން ކުރި ޓުއީޓް

ދެކުނު އޭޝިއާ ޤައުމުތަކުގެ ސިވިލް ރެޖިސްޓްރޭޝަން ތަޖުރިބާކާރުންގެ 2ވަނަ ބައްދަލުވުމުގައި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ.އެމް މުނީރް އޭ ޝަފަލައްދީނާއި ޕްލޭނިންގް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ރާއްޖޭގެ ސިވިލް ރެޖިސްޓްރޭޝަންގެ ނިޒާމުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ ފަރާތްތައް ބައިވެރިވެއެވެ. މިމަހުގެ 26އިން 28އަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މި ބައްދަލުވުމުގައި ދެކުނު އޭޝިއާ ސަރަހައްދުގެ 30އަށް ވުރެ ގިނަ ސިވިލް ރެޖިސްޓްރޭޝަން ތަޖުރިބާކާރުން ބައިވެރިވެއެވެ.