ޚަބަރު

ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރަން އެދިފައެއް ނެތް - ހޯމް މިނިސްޓަރ


މަރުހޫމް ޑރ.އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓާ ގުޅިގެން ހައްޔަރުކުރަންޖެހޭ މީހަކު ނެތްކަމަށް މައްސަލަ ތަހުޤީޤްކުރި މަރު ކޮމިޝަނުން ބުނެފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ޑރ.އަފްރާޝީމް އަލީ މަރާލެވިފައިވާގޮތް ތަޚްޤީޤުކުރި މަރުކޮމިޝަންގެ ރިޕޯޓްގައި އެކަން ހިނގާފައިވާގޮތް ތަފްސީލުކޮށް ބަޔާންކޮށްފައިވާކަމަށެވެ. އަދި ކޮމިޝަނުން އެކުލަވާލި ރިޕޯޓާއި ގުޅިގެން މަރުކޮމިޝަންގެ ބޭފުޅުންނާއި، ޕްރޮސެކިއުޓާ ޖެނެރަލްއާއި، ފުލުހުންނާއި 2 ފަހަރެއްގެ މަތިން ބައްދަލުކޮށް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއިމެދު އަމަލުކުރާނެ ގޮތަކާއިމެދު މަޝްވަރާކޮށްފައިވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ މަރު ކޮމިޝަންގެ ބޭފުޅުންނާއި ބައްދަލުކޮށް ރިޕޯޓްގައި ފާހަގަކޮށްފައިވާ އެއްވެސް މީހަކު ހައްޔަރުކުރަން ފެންނަމަ 24 ގަޑިއިރުތެރޭގައި އެންގެވުމަށް ކޮމިޝަންގައި ދަންނަވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމައްސަލާގައި ޝާމިލްވާ އެއްވެސް ފަރާތެއް ހައްޔަރުކުރުމަށް ނުފެންނަކަމަށް ކޮމިޝަނުން ވިދާޅުވެފައިވާކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ މިމައްސަލާގައި ޝާމިލްވާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާ މީހުންނާމެދު ކުރިން ކުރެވުނު ތަހުޤީގުތަކަށްފަހު އިތުރު ހެއްކެއް ލިބިފައިނުވާތީ އެމީހުން ހައްޔަރުކުރެވޭނެ ގޮތެއްނެކަމަށް ކޮމިޝަނުން ވިދާޅުވެފައިވާކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ޑރ.އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓްގައިވާ ގޮތުން ޑރ.އަފްރާޝީމް އަވަހާރަކޮށްލި ޖަރީމާ ހިންގަން ބަޔަކާ ޙަވާލުކުރީ ރާއްޖޭގައި ހިންގާ ހަރުކަށި ޖަމާއަތެއްގެ ބައެކެވެ. އެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު ނަމަކަށް ކިޔާ މީހަކާއި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ރިޕޯޓުގައިވެއެވެ.

ޑރ.އަފްރާޝީމް އަވަހާރަކޮށްލީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މިމައްސަލާގައި ދަޢުވާކުރި މީހުންގެ ތެރެއިން ކުށް ސާބިތުވެފައިވަނީ ހ.ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްޗަށް ދަށުކޯޓުން އިއްވި މަރުގެހުކުމް ސުޕްރީމް ކޯޓުންވެސް ވަނީ ދަމަހައްޓާފައެވެ.