ޚަބަރު

1 ޕޮއިންޓްގެ ތަފާތުން ރާއްޖޭގެ ގައުމީ ފިރިހެން ބާސްކެޓް ޓީމް ބަލިވެއްޖެ


1 ޕޮއިންޓްގެ ތަފާތުން ރާއްޖޭގެ ގައުމީ ފިރިހެން ބާސްކެޓް ޓީމް ޗައިނާގެ ކުންމިންގެ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސް ޓީމް އަތުން ބަލިވެއްޖެއެވެ.

ދިވެހި ގައުމީ ޓީމް ބަލިވީ މެޗް ނިމެން ސިކުންތުކޮޅަކަށް ވެފައިވަނިކޮށް ޔުނާން ޔުނިވަރސިޓީ ހޯދި ޕޮއިންޓްއާއެކު، 61 ޕޮއިންޓް 60 ޕޮއިންޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ބޮޑުބައިގައި ލީޑުގައި އޮވެގެން ކުޅުނީ ޔުނާން ޔުނިވަރސިޓީގެ ޓީމުންނެވެ. މި މެޗްގައި ދިވެހި ޓީމަށް ލީޑު ނެގުނީ ދެ ފަހަރު، ނަމަވެސް ލީޑްގައި އޮވެގެން މާގިނަ ވަގުތު ކުޅެވޭގޮތްވަނީ ނުވެފައެވެ.
ދެ ޓީމުގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަަތަމަ ކުއާޓަރ ނިންމާލީ ދެ ޓީމް އެއްވަރުވެގެންނެވެ. އެއީ 14 ޕޮއިންޓް 14 ޕޮއިންޓުންނެވެ. މި މެޗްގެ ދެވަނަ ކުއާޓަރ ނިންމާލިއިރުވެސް ލީޑްގައި އޮވެގެން ކުޅެމުންދިޔައީ ޔުނާން ޔުނިވަރސިޓީގެ ޓީމުންއެވެ. އެއީ 26 ޕޮއިންޓް 33 ޕޮއިންޓުންނެވެ. މެޗްގެ ފުރަތަމަ ދެ ކުއާޓަރގައިވެސް އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ދިވެހި ޓީމަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފުނުކަމެވެ. ސްކޯ ކުރުމަށް ލިބުނު ފުރުސަތުތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ނުކުރެވުނު ކަމެވެ. ނަތީޖާއެއްގެ ގޮތުން އިދިކޮޅު ޓީމަށް ލިބުނު ގިނަ ފުރުސަތުތައް އެޓީމުންވަނީ ބޭނުން ހިފާފައެވެ. ދެ ކުއާޓަރގައިވެސް ޔުނާން ޔުނިވަރސިޓީގެ ޓީމަށް ވުރެއް ގިނަ ފުރުސަތު ދިވެހި ޓީމަށް ލިބުނެވެ. ނަމަވެސް އޭގެތެރެއިން ގިނަ ފުރުސަތުތަށް ދިޔައީ ސްކޯ ނުކުރެވިއެވެ.

އަންނަ މަހު ނޭޕާލްގައި އޮންނަ ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ކުރަމުން މިދާ ކޭމްޕްގައި ގައުމީ ޓީމް ކުޅުނު ފުރަތަމަ މެޗްގެ ތިންވަނަ ކުއާޓަރގައި ދިވެހި ޓީމްވަނީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށްފައެވެ. އެގޮތުން މެޗްގެ ފުރަތަމަ ދެ ކުއާޓަރގައި ހެދި ގިނަ ގޯސްތައް ރަގަނޅު ކުރިތަން ފެނިގެންދިޔައެވެ. މެޗްގެ ތިންވަނަ ކުއާޓަރ ޔުނާން ޔުނިވާަރސިޓީއިން ކާމިޔާބުކުރީ 53 ޕޮއިންޓް 45 ޕޮއިންޓުންނެވެ. މެޗްގެ 4ވަނަ ކުއާޓަރގައި ދިވެހި ޓީމް ކުޅުން ރަގަނޅުކޮށް ފަހަތުން އަރާ ނަތީޖާ އެއްވަރު ކުރިއެވެ. ނަމަވެސް 4ވަނަ ކުއާޓަރގައި ރާއްޖޭގެ ޓީމަށް ލީޑް ނެގޭގޮތެއް ނުވިއެވެ.

މެޗް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ދިވެހި ޓީމުންވަނީ 60-60 އެއްވަރުކޮށްފައެވެ. ނަމަވެސް މެޗް ނިމެން ސިކުންތުކޮޅަކަށް ވެފައިވަނިކޮށް ޔުނާން ޔުނިވަރސިޓީގެ ޓީމުން އެއް ޕޮއިންޓް ހޯދާ މެޗް ކާމިޔާބުކުރިއެވެ. ގައުމީ ބާސްކެޓް ޓީމުން ޗައިނާގެ ކުންމިންގައި ކުރަމުން މިދާ ކޭމްޕްގައި ގައުމީ އަންހެން ޓީމާއި ފިރިހެން ޓީމްވެސް، އަދި އިތުރު 2 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ.