ކުޅިވަރު

މެޗުން މޮޅުވުމަށްވުރެ ބޭނުމީ ފިންޏަށް ކުޅުންތެރިން ހޭނުން - ސުޕުން


މެޗުން މޮޅުވުމަށްވުރެ ކުންމިންގެ ފިނީގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުުޅުމާ މެދު ހިތްހަމަޖެހޭކަމަށް ގައުމީ އަންހެން ބާސްކެޓް ބޯޅަ ޓީމުގެ ކޯޗް ސުޕުން ބުނެފިއެވެ.

އަންނަ މަހު ނޭޕާލްގައި ފެށުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗް ރާއްޖޭގެ ޓީމް ކާމިޔާބުކޮށްފައިވަނީ ޗައިނާގެ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސް އާއި ވާދަކޮށް 61 ޕޮއިންޓް 26 ޕޮއިންޓުންނެވެ. މެޗަށްފަހު ވާހަކަދައްކަމުން ގައުމީ އަންހެން ބާސްކެެޓް ޓީމުގެ ކޯޗް ސުޕުން ބުނީ ކުރިއަށް ބޮޑު ގޭމްސެއް އޮއްވާ ކުޅުނު ފުރަތަމަ މެޗުން މޮޅުވުމަކީ ޓީމުގެ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. ޗައިނާގެ ކޭމްޕްގެ އެންމެ ބޮޑު ބޭނުމަކީވެސް ނޭޕާލުގެ ފިންޏަށް ކުޅުންތެރިން ހޭނުވުން ކަމަށްވާއިރު، ޗައިނާގެ ކުންމިންގެ ފިނީގައި ކުޅުނު މިމެޗުގެ ސަބަބުން ކުޅުންތެރިން މިހާރު ފިންޏަށް ހޭނިފައިތިބި މިންވަރު އެނގޭކަމަށް ސުޕުން ބުންޏެވެ. ކޯޗު ބުނީ ޓީމުގައި ތިބި އެންމެ ތަޖުރިބާކާރު ކުޅުންތެރިންނާ އެއްވަރަށް ޒުވާން ކުޅުންތެރިންވެސް މިމެޗްގައި މޮޅު ކުޅުމެއް ދައްކާފައިވާކަމަށާއި މިއީ ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ.

މެޗާއި ބެހޭގޮތުން ސުޕުންބުނީ މެޗުގައި ދިވެހި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ރަގަނޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ވެސް ފެނިގެންދިޔަ ކަމަށެވެ. ޑިފެންސްކުރުމާއި ސްކޯ ކުރުމުގައި ރަގަނޅު ކުރަންވީ ކަންކަން މިމެޗްގައި ފެނިގެންދިޔަކަމަށް ވެސް ސުޕުން ބުންޏެވެ. މެޗްގައި ދިވެހި ޓީމަށް ނަތީޖާ އެހާ ތަފާތު ބޮޑު ކޮށްލެވުނީ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސްގެ ޓީމަކީ އެޔުނިވަރސިޓީގެ 2ވަނަ ޑިވިޝަންގެ ޓީމައަކަށް ވުމާއި، ރާއްޖޭގެ ޓީމާއި އަޅާބަލާއިރު އެ ޓީމް ދަށްވުމުންކަމަށް ކޯޗު ބުންޏެވެ. ނަމަވެސް ކޯޗު ބުނީ ރާއްޖޭގެ ޓީމަކީވެސް ޒުވާން ޓީމެއްކަމަށާއި މިމެޗްގައި އެންމެ ބޮޑަށް ބޭނުންވީ ޒުވާން ކުޅުންތެރިން ލައްވާ ވީހާވެސް ގިނައިން ކުޅުވުންކަމަށެވެ. މީގެ އިތުރުން ނޭޕާލުގެ ފިންޏަށް ކުޅުންތެރިން ހޭނުވުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެކަމަށް ގަބޫލު ކުރެވޭކަމަށް ވެސް ސުޕުން ބުންޏެވެ.

“އަސްލުގައި އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން. ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭ. މިހާރު ޓީމުގައި ތިބި ސީނިއަރ ކުޅުންތެރިންނަށް ޒުވާން ކުޅުންތެރިންވެސް ދޫނުކުރާ މަންޒަރު މެޗުގައި ފެނިގެންދިޔަ. މެޗުގައި ގިނައިން އެޅި ތްރީ ޕޮއިންޓްސްއަކީ ޒުވާން ކުޅުންތެެރިންގެ ފަރާތުން ފެނިގެންދިޔަ ޕޮއިންޓްތަކެއް. މެޗްގައި 16 އަހަރާއި 14 އަހަރުގެ ކުޅުންތެރިންގެ ފާރާތުން ފެނުނު ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭ. މިއީ އެންމެ ބޮޑު ޕޮޒިޓިވްކަމަކީ. މިހާރު ކުޅުންތެރިންދަނީ މަޑު މަޑުން ފިންޏަށް ހޭނެމުން. ނޭޕާލަށް ދާންވާއިރަށް ހުރިހާ ކުޅުންތެރިންވެސް މިފިންޏަށް ހޭނޭނެކަމަށް ގަބޫލް ކުރެވޭ. އޭރުން ސައުތު އޭޝިއަން ގޭމްސްގައި ރަގަނޅު ކުޅުމެއް ދައްކަން ވަރަށް ބޮޑަށް ފުރުސަތު ލިބިގެންދާނެ.” ކޯޗް ސުޕުން ބުންޏެވެ.

ކުންމިންގައި ކުޅުނު ފުރަތަމަ މެޗް މިހާ ފަސޭހަކޮށް ދިޔަނަމަވެސް ކުރިއަށް އޮތް 2 މެޗް އެހާ ފަސޭހަ ނުވާނެކަމަށްވެސް ސުޕުން ބުންޏެވެ.