ޚަބަރު

35 ޕޮއިންޓްގެ ތަފާތުން ގައުމީ އަންހެން ބާސްކެޓް ޓީމް ޗައިނާގެ ޔުނާން ޔުނިވަރސިޓީ ބަލިކޮށްފި


ބޮޑު ތަފާތަކުން ރާއްޖޭގެ ގައުމީ އަންހެން ބާސްކްޓް ބޯޅަ ޓީމް ޗައިނާގެ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވާަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސް ޓީމް ބަލިކޮށްފިއެވެ.
އަންނަ މަހު ނޭޕާލްގައި ފެށުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ޓީމާއި ފިރިހެން ބާސްކެޓް ޓީމްވެސް މިހާރު ދަނީ ޗައިނާގެ ކުންމިންގައި ކޭމްޕް ކުރަމުންނެވެ. މިކޭމްޕްގައި ކުޅުނު ފުރަތަމަ މެޗް ގައުމީ އަންހެން ބާސްކެޓް ޓީމް ކާމިޔާބުކޮށްފައިވަނީ 35 ޕޮއިންޓްގެ ތަފާތުންނެވެ. އެއީ 61 ޕޮއިންޓް 26 ޕޮއިންޓުންނެވެ. މުޅި މެޗުގައި ވެސް ރާއްޖެއިން ކުޅެމުންދިޔައީ ވަރަށް ބޮޑު ލީޑެއްގައި އޮވެގެންނެވެ. ފުރަތަމަ ކުއާޓަރގައި ރާއްޖެއިންވަނީ ލީޑްނަގާ، މުޅި މެޗްގައިވެސް ލީޑް ދަމަހައްޓާފައެވެ. މެޗް ފެށިގޮތަށް ދިވެހި ޓީމުން 11 ޕޮއިންޓް ހޯދާ އިދިކޮޅުން ކުޅެމުންދިޔަ ޓީމް ޕްރެޝަރަށް ވައްޓާލިއެވެ. ޔުނާން ޔުނިވާސިޓީއަށް ފުރަތަމަ ޕޮއިންޓް ހޯދުނީ ދިވެހި ޓީމުން 10 ޕޮއިންޓް ހޯދިފަހުންނެވެ.

ޔުނާން ޔުނިވާސިޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗްގެ ފުރަތަމަ ކުއާޓަރ ދިވެހި ޓީމުން ކާމިޔާބުކުރީ 20 ޕޮޮއިންޓް 8 ޕޮއިންޓުންނެވެ. މެޗްގައި ދިވެހި ޓީމުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، 2ވަނަ ކުއާޓަރގައިވެސް ދިވެހި ޓީމުން ދިޔައީ ލީޑް އިތުރަށް ފުޅާކުރަމުންނެވެ. މެޗްގެ 2ވަނަ ސެޓް ދިވެހި ޓީމް ކާމިޔާބުކުރީ 34 ޕޮއިންޓް 17 ޕޮއިންޓުންނެވެ. ގިނަ ބަދަލުތަކެއް ފެނިގެންދިޔަ މިމެޗްގައި ދިވެހި ގައުމީ އަންހެން ޓީމްގެ ކޯޗް ސުޕުންވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް ފުރުސަތު ދީފައެވެ. މެޗްގެ ތިންވަނަ ކުއާޓަރ ރާއްޖެއިން ކާމިޔާބުކުރީ 49 ޕޮއިންޓް 22 ޕޮއިންޓުންނެވެ. ޗައިނާގެ ކުންމިންގައި ގައުމީ އަންހެން ޓީމް ކޭމްޕްކޮށް ފަރިތަކުރަމުންދަނީ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވާސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސްގައިއެވެ.

މެޗުގެ ހަތަރުވަނަ ސެޓްގައިވެސް ރާއްޖޭން ލީޑް ދަމަހައްޓާ، މެޗް ކާމިޔާބުކޮށްފައިވަނީ 61 ޕޮއިންޓް 26 ޕޮއިންޓުންނެވެ. މިއީ ޗައިނާގެ ކޭމްޕްގައި ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓް ބޯޅަ ޓީމް ކުޅުނު ފުރަތަމަ މެޗެއެވެ. މި ކޭމްޕްގައި އަދި އިތުރު ދެ މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މި ކޭމްޕައަކީ ނޭޕާލްގައި އޮންނަ ސައުތް އޭޝިއަން ގޭމްސްއަށް ދިއުމުގެ ކުރިން ނޭޕާލްގެ ފިންޏަށް އެޖެސްޓްވުމަށް ކުރަމުންދާ ކޭމްޕެއެކެވެ.