އަތޮޅުތައް

މަދިރި އާލާވާތަންތަން ނައްތާލުމުގައި ދަތިތަކެއް


ބ. އަތޮޅުގައި ޑެންގީ ހުން ކޮންޓްރޯލްކުރުމުގައި އެންމެބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ ރަށްރަށުގެ ކުނިގޮނޑުތަކަށް ޖަމާވާ ފެން ހަރުލާޒާތުގެ ކުނިބުނީގެ ސަބަބުން ކަމަށް ބ. އަތޮޅު ކައުންސިލުން ބުނެފިއެވެ.ބ. އަތޮޅު ކައުންސިލުން ބުނީ މިކަމަށް ސަމާލުވުމަށް އަތޮޅުގެ ރަށްރަށަށް އިލްތިމާސް ކުރަމުންދާކަމަށެވެ. ބ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާދިލް ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ޑެންގީއަށް ޝައްކުކުރެވޭ ހުމުގެ ރޯގާ ބޮޑަށް ފެތުރުނު އެއަތޮޅު ތުޅާދޫއާއި ގޮއިދޫ އާއި އޭދަފުށީގެ ކުނިކޮށީގައި އުފެދިފައިވާ ކުނިތައް ނައްތާލެވޭނެގޮތެއް ހޯދަން ކަމާބެހޭ ފަރާތްތަކާއެކު މިހާރުވެސް އަވަސް މަޝްވަރާތަކެއް ކުރެވެމުންދާކަމުގައެވެ.އާދިލް ވިދާޅުވީ މިދިޔަ ހަފްތާތެރޭގައި ކުރެވުނު މަސައްކަތުން ބ. އަތޮޅުގެ ރަށްރަށުގެ ފަޅުގޯތިތަކާ، ކުނިކޮށިތަކާއި އެހެނިހެން އާންމު ސަރަހައްދުތަކުން ފެންހަރުލާ ގޮތަށް ހުރި ގިނަތަކެތި ނައްތާލެވުނުކަމުގައެވެ. އަދި އަތޮޅު ހޮސްޕިޓަލާ، އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ޑެންގީހުމުން ރައްކާތެރިވުމަށް އަތޮޅު ތެރޭގައި ކޮންމެ ދުވަހަކުވެސް އެތައް ހަރަކާތެއް މިހާރުކުރިޔަށް ގެންދާކަމަށްވެސް އާދިލް ވިދާޅުވިއެވެ. އެގޮތުން، ގޭގެއަށާއި ރަށުތެރެއަށް މަދިރި ބޭސް ޖެހުމުގެ ކަންކަން ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދެވޭކަމަށްވެސް އާދިލް ވިދާޅުވިއެވެ.