ވިޔަފާރި

ޔޮޓްތަކާއެކު އުލިގަމު ފަޅުތެރެއަށް ހިތްޤާއިމުކަން


ރާއްޖޭގެ އެންމެ އުތުރުން އޮންނަ އުލިގަމަކީ ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާ ގިނަ އަދަދެއްގެ ޔޮޓުތައް ކުރިން ބަނދަރުކުރަމުން އައި ރަށެކެވެ. އެންމެ ފުރަތަމަ އުލިގަމަށް ޔޮޓެއް ބަނދަރު ކުރިކަމަށް ރެކޯޑް ކުރެވިފައިވަނީ 21 ޖެނުއަރީ 1980 ވަނަ އަހަރުއެވެ. އުލިގަމުގައި އާއްމުގޮތެއްގައި ޔޮޓްތައް ބަނދަރު ކުރަނީ އަހަރު ނިމޭ ހިސާބުގައާއި ފެށޭ ހިސާބުގައެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެރަށުގައި އަހަރަކު 200 އެއްހާ ޔޮޓް ބަނދަރުކޮށް އެމަންޒަރުގެ ހިތްޤާއިމުކަން ވަނީ ފެނިގެން ގޮސްފައިވެއެވެ.

2005 ވަނަ އަހަރު ޔޮޓްފަހަރުން ނަގާ ފީތަކުގެ ގާނޫނަށް ގެނައި ބަދަލުތަކެއްގެ ސަބަބުން އުލިގަމަށް ޔޮޓް ފަހަރު އައުން މަދުވެފައި ވަނިކޮށް ކައުންސިލްގެ މަސައްކަތާއެކު މޯލްޑިވިސް ކަސްޓަމް ސާވިސްގެ އިސްނެގުމާއެކު 30 ޖެނުއަރީ 2020 ވަނަދުވަހު ބޭއްވުނު އުލިގަމް ޔޮޓް މަހާސިންތާއާއެކު ޔޮޓްފަހަރުން ނަގަމުން ދިޔަ ފީތައް ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ. ފީތަކަށް ގެނެވުނު ބަދަލާއެކު އުލިގަމަށް ޔޮޓްފަހަރު އައުން ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށް ކޮވިޑް-19 އާ ގުޅިގެން މާރޗު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ބޭރުގެ ޔޮޓްފަހަރުތައް ރާއްޖެއަށް އައުން މުޅިން ހުއްޓިގެން ދިޔައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ހީނަރުކަމެއް ލިބިގެން ދިޔައެވެ.

ބޯޑަރު ބަންދުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ޖުލައި 15 އިން ފެށިގެން އަލުން ބޯޑަރު ހުޅުވާލިފަހުން މިއަހަރުގެ އޮކްޓޫބަރުމަހު ވަނީ ފުރަތަމަ ޔޮޓް އުލިގަމަށް ބަނދަރުކޮށްފައެވެ. އޭގެ ފަހުން ނޮވެންބަރު މަހާ ހަމަޔަށް އިތުރު 3 ޔޮޓް އުލިގަމުގައި ބަނދަރު ކޮށްފައިވާކަމަށް އުލިގަމު ކައުންސިލްގެ ނައިބް ރަޢީސް ޢިމާދު ޢަބުދުﷲ ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ސީޒަންކަމުން މިހާރުވެސް ވަރަށް ގިނަ ޔޮޓްފަހަރު ރާއްޖެ އައުމަށް ޝައުގުވެރިކަން ފާޅުކުރަމުން ދާކަމަށް އިމާދު ވަނީ ވިދާޅުވެފައެވެ.

މިދުވަސްވަރަކީ ޔޮޓްތައް ރާއްޖެ އަންނަ މޫސުމްކަން ފާހަގަކޮށް އިމާދު ވިދާޅުވީ މިހާރު އަންނަ ޔޮޓުފަހަރުގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި ވަނީ ކޮވިޑް 19 ސަބަބުން އެޗް.ޕީ.އޭގެ ގަވައިދުގައި ވާ ގޮތުން ޔޮޓްފަހަރުގައި އަންނަ ފަތުރުވެރިނަށް ރަށަށް ފޭބޭ ގޮތް ނުވުމެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އިމާދު ވިދާޅުވިއެވެ.

ޗައިނާ، ޖަޕާން އަދި ދެކުނު އެފްރިކާގެ ކަނޑުއުޅަނދުފަހަރު ދަތުރުކުރުމަށް އޮންނަ މަގެއްގެ ގޮތުގައި ބޭނުންކުރާ ރާއްޖޭގެ ސަރަޙައްދެއް ކަމަށްވާ އުލިގަމު ސަރަޙައްދުގައި ދުނިޔޭގެ މަޝްހޫރު ގައުމުތަކުގެ ޔޮޓްތައް މީގެ ކުރިން ވަނީ ބަނދަރުކޮށްފައެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ، ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައިވާ މަޝްރޫއުތައް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން، ބޮޑު ތިލަދުންމަތީގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، ހިންގަން ރާވާފައިވާ މަޝްރޫއުތަކެއް އެބަހުރިކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި ސަރުކާރުން ވަނީ، އުލިގަމުގައި ސިޓީ ހޮޓަލަކާއެކު ޔޮޓު މެރީނާއެއް ތަރައްޤީކުރުުމަށް ޝައުޤުވެރިވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. އަދި ހއ. ހޯރަފުށީގައި ތަރައްގީކުރި އެއަރޕޯޓާއެކު މުޅި ބޮޑު ތިލަދުންމައްޗަށް އަމާޒުކޮށްގެން ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް މަޝްރޫއުތަކެއް ހިންގަވާނެކަމަށް މައުސޫމް ވިދާޅުވިއެވެ.