ވިޔަފާރި

ޔޮޓްތައް މެދުވެރިކޮށް ރާއްޖެއަށް ބިލިއަނަރުން ގެނައުމަކީ އަމާޒެއް- 'މާޔާ


ކްރޫސްލައިނަރތައް މެދުވެރިކޮށް ރާއްޖެއަށް ބިލިއަނަރުން ގެނައުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، މާޔާއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާޔާގެ ސެކެޓްރީ ޖެނަރަލް މުޙައްމަދު ޢަލީ ވިދާޅުވީ މާޔާއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ރާއްޖެއަށް ހައި-އެންޑް ފަތުރުވެރިން ގެނައުންކަމަށެވެ. އެގޮތުން މިހާރު ރާއްޖެ އަންނަ ބިލިއަނަރުން އިތުރުކޮށް ޔޮޓްތައް މެދުވެރިކޮށް ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ މާޔާއިން ވަރަށް އިސްކަމެއްދީގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށް ބަނީ ވިދާޅުވިއެވެ.

"މާޔާއަކީ ޤައުމުތަކުގެ ވެރިން، ފިލްމް ސްޓާރުން، ސުޕަރ ޔޮޓް، މެގަރ ޔޮޓް، ޕެސެންޖަރ ލައިނަރ، ޕްރައިވެޓް ޖެޓްސްތައް މާކެޓްކޮށް ރާއްޖެއަށް ހައި-އެންޑް ފަތުރުވެރިން ގެނައުމަށް މަސައްކަތްކުރާ ބައެއް. އަޅުގަނޑުމެންގެ ބޭނުމަކީ އިތުރު ސުޕަރ ޔޮޓްތަކާއި ބިލިއަނަރުން ރާއްޖެއަށް އަންނަ މިންވަރު އިތުރުވެ ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުން." ބަނީ ވިދާޅުވިއެވެ.

ބަނީ ވިދާޅުވީ އަންނަ އަހަރުގެ އޭޕްރިލް މަހާއި ހަމައަށް މިހާރު ކްރޫސްލައިނަރ ބުކިންގ އޮތީ ފުލްކޮށްކަމަށާއި މިހާރުވެސް ގާތްގަނޑަކަށް 50 ކްރުސްލައިނަރ ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ ކްރޫސްލައިނަރ ޝެޑިއުލްގައި އެބައުޅޭ މިހާރުވެސް ގާތްގަނޑަކަށް 50 އަކަށް ކްރޫސްލައިނަރ. ކޮންމެ ދެހަފްތާއިން ދެހަފްތާއިން ކްރޫސްލައިނަރތައް އަންނާނެ. މިއީ ޤައުމަށް ލިބޭ ވަރަށް ބޮޑު އިޝްތިހާރެއް. ޤައުމަށް ލިބޭ ވަރަށް ބޮޑު އާމްދަނީއެއް." ބަނީ ވިދާޅުވިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، މާޔާއަކީ ރާއްޖެއަށް މަތީ ފަންތީގެ ކްރޫސްލައިނަރ، ޕެސެންޖަރ ލައިނަރ އަދި ޕްރައިވެޓް ޖެޓް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ޖަމިއްޔާއެވެ. މާޔާއިން މިހާރު ދަނީ އަންނަ މަހު ރާއްޖެއަށް، މިއަހަރުގެ ތެރޭގައި އަންނަ އެންމެ ބޮޑު ކްރޫސްލައިނަރ ގެނައުމުގެ ތައްޔާރީތައް ވަމުންނެވެ. މާޔާއިން ބުނީ އަންނަ އޭޕްރިލް މަހާ ހަމައަށް ކޮންމެ 2 ހަފްތާއަކުން 1 ހަފްތާއަކު ރާއްޖެއަށް ކްރޫސްލައިނަރތައް އަންނާނެކަމަށެވެ.