ޚަބަރު

އައިޖީއެމްއެޗު އެކްރެޑިޓްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން - ސަލީމް


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ބައިނަލްއަޤުވާމީ ފެންވަރަށް އެކްރެޑިޓްކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އައިޖީއެމް ހޮސްޕިޓަލުން ހާމަކުރައްވައިފި. މީގެ ސަބަބުން އައިޖީއެމް ހޮސްޕިޓަލުގެ ފެންވަރު ބޭރު ދުނިޔޭގައިވެސް މަތިވެގެންދާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވޭ.

ޕީއެސްއެމްނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ސަލީމު ވިދާޅުވީ އެހޮސްޕިޓަލުގެ އަމާޒަކީ "ސްޓޭންޑަޑައިޒްޑް އިންސްޓިޓުޓް"އެއްގެ ގޮތުގައި ނުވަތަ ވަކި ފެންވަރުގެ މުއައްސަސާއެއްގެގޮތުގައި އައިޖީއެމްއެޗު ތަރައްޤީކުރުންކަމަށެވެ. އެގޮތުން ކުރިއަށް އޮތް 18 މަސްދުވަހުގެތެރޭގައި އެކަމަށްޓަކާއި އެކުލަވާލަންޖެހޭ އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްކުރަމުން ގެންދަވާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އެހޮސްޕިޓަލުގެ ސީއީއޯ ވިދާޅުވީ ހޮސްޕިޓަލް އެކްރެޑިޓްކުރުމުގެ މަސައްކަތްނިމިގެންދާއިރު ހޮސްޕިޓަލަކީ ދުނިޔެގެ ފެންވަރުގައިވެސް މީހުން ބަލައިގަންނަށް ހޮސްޕިޓަލަކަށްވެގެންދާނެކަމަށެވެ.

"އެކްރެޑިޓްކޮށް ނިމޭއިރު މީހުން ބަލާ މިންގަނޑުތަކުން މިތަނަކީ ސެޓިފައިޑް ހޮސްޕިޓަލެއްގެ ގޮތުގައި ކަނޑައެޅޭނެ. ދުނިޔޭގެ މިންގަނޑުތަކުންވެސް އަދި އޭޝިއާގެ މިންގަނޑުތަކުންވެސް އެކްރެޑިޓްވެފަ ހުންނާނެ. މިތަނުންދޭ ޚިދުމަތްތަކަކީ ވަކި މިންގަނޑުތަކެއްގެތެރެއިން ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ހިންގާތަނެއްގެ ގޮތުގައި.އޭރަށް ސުވާލު އުފެއްދުމަށް ޖާގައެއް ނޯންނާނެ" އިބްރާހީމް ސަލީމު ވިދާޅުވިއެވެ.

އައިޖީއެމް ހޮސްޕިޓަލް އެކްރެޑިޓްކުރުމުގެ މަސައްކަތްކުރަމުން އަންނަނީ އިންޑިއާގެ ނޭޝަނަލް އެކްރެޑިއޭޝަން ބޯޑުންކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ. މިހާރުވަނީ އެފަރާތާއެކު އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށާ، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މަސައްކަތްކުރިއަށް ގެންދާނެގޮތުގެ ޕްލޭނެއް ހުށައެޅުމަށް ނިންމަފައިވާކަމަށެވެ.

"މިމަސައްކަތުގެތެރެއިން އެފަރާތުން ހަދާނެ އޮޑިޓެއް. އޮޑިޓްކޮށްފައި އެމީހުން ބުނާނެ އަޅުގަނޑުމެންގެ ގެޕް. ރަނގަޅުކުރަންޖެހޭ ކަންތައްތަކަށް މުއްދަތު ދޭނެ. ބައެއް އެއްޗިއްސަކީ އިމީޑިއޭޓްކޮށް ކުރަންޖެހޭ ކަންތައްތައް. ބައެއް ކަންތައްތަކަކީ މެދުމިނުގެ އަދި ދިގުރާސްތާގެ ކަންކަން. ގިނަ އޭރިއާތަކުގައި މިދަނީ މިމަސައްކަތްކުރަމުން." އިބްރާހީމް ސަލީމު ވިދާޅުވިއެވެ.

އައިޖީއެމްއެޗުގެ އަމާޒަކީ މިމަސައްކަތް ކުރިއަށްއޮތް 18 މަސްދުވަހުގެތެރޭގައި ކޮށްނިންމުމެވެ. އެހޮސްޕިޓަލުގެ ފެންވަރު މަތިކޮށް ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.