ދުނިޔެ

ޗައިނާގެ ޝިންޖިއާންއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ


ޗައިނާގެ ޝިންޖިއާންއަށް އައި ބާރުގަދަ ބިންހެލުމެއްގައި ތިން މީހުން މަރުވެއްޖެއެވެ.ރިކްޓަރ މިންގަނޑުން ހަޔެއް ޕޮއިންޓް ހަތަރެއްގައި ރިކޯޑްކުރެވިފައިވާ މި ބިންހެލުން އައިސްފައިވަނީ ޗައިނާގެ ހުޅަނގުގައިވާ ޝިންޖިއާންގެ ޕިޝާން ކައުންޓީއަށެވެ.މި ސަރަހައްދަކީ ދެ ލައްކަ ފަންސާސް ހާހަށްވުރެ ގިނަ މުސްލިމުން ދިރިއުޅޭ ސަރަހައްދެކެވެ.މި ބިންހެލުމުގައި ސާޅީސް ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ.ބިންހެލުމާއިއެކު އިމާރާތްތަކަށް ލޮޅުން އަންނަން ފެށުމުން، އެ ސަރަހައްދުގެ ރައްޔިތުންވަނީ މަގުތަކަށް ނިކުމެފައެވެ.މި ބިންހެލުމުގައި ޕިޝާން ކައުންޓީގައި ތިން ހާހެއްހާ އިމާރާތްވަނީ ވެއްޓިފައެވެ. އަދި އިތުރު އިމާރާތްތަކަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އެ ސަރަހައްދުގެ މުވާސަލާތީ ޓަވަރުތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.މި ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގެ ސަރުކާރުންވަނީ ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތާއި، އަނިޔާވެފައިވާ މީހުން ހޯދުމަށް މަސައްކަތް ފަށާފައެވެ.މި ގޮތުން ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ސަރަހައްދުގައި މިހާރުވަނީ ހާހަކަށްވުރެ ގިނަ ޓެންޓު ޖަހާ، ޙާލުގައި ޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައެވެ.މި ބިންހެލުމަށްފަހު، ޕިޝާންއަށް ބާރުގަދަ އިތުރުލޮޅުންތަކެއްވެސް އައިސްފައިވެއެވެ.މީގެތެރޭގައި ރިކްޓަރ މިންގަނޑުން ތިނެއް އަދި ހަތަރެއް ޕޮއިންޓް ހަޔެއްގެ ބާރުގަދަ ދެ ލޮޅުމެއް ހިމެނެއެވެ.ޕިޝާންއަކީ ބޯޓުދެއްޔާއި، ތެލާއި، ގޭހާއި އަގުބޮޑު މައުދަނެއްކަމަށްވާ ޖޭޑް މުއްސަނދި ސަރަހައްދެކެވެ.