ޚަބަރު

ހަރުކަށި ފިކުރާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް


ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ކުށްވެރިކޮށް، ރާއްޖޭގައި ހަރުކަށި ފިކުރު ހުއްޓުވުމަށް ގޮވާލާ ހެންވޭރު ދެކުނު ދައިރާގެ މެމްބަރު ހުސެއިން ޝަހީމް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ކުށްވެރިކޮށް، ހަރުކަށި ފިކުރު ހުއްޓުވުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ ކުޑަކުދިންނަކީ މުޖުތަމައުގެ ޚާއްސަ ރައްކާތެރިކަމާއި، ހިމާޔަތާއި ލޯބި ދޭންޖެހޭ ބައެއްކަމަށެވެ. އެކުދިންގެ އިއްފަތްތެރިކަން ނަގާލައި، ޖިންސީ ފުރައްސާރަކޮށް ނަހަމަގޮތުގައި ބޭނުންކުރުމަކީ މި މުޖުތަމައު ބަލައި ގަންނާނެކަމެއް ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މިއީ އިސްލާމްދީނާއި، ދިވެހިން ޤަބޫލުކުރާ އަސާސްތަކާއި ޚިލާފަށް ވަކިބައެއްގެ އަމިއްލަ އެޖެންޑާތަކެއް ހާސިލް ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ޝަހީމް ސިފަކުރެއްވިއެވެ.

ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރަގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމަށާއި އިސްލާމްދީނުގެ ނަމުގައި މީހުން މެރުމާއި، ކުޑަކުދިންގެ އިއްފަތްތެރިކަން ނެގުމަކީ ކުރެވޭނެ ކަމެއްނޫންކަމަށެވެ. އަދި ރާއްޖޭގައި އެކަންކަމަށް ޖާގަދީގެން ނުވާނެކަމަށާއި މިއީ ހަރުކަށި ފިކުރަށްވުރެވެސް ދަށުދަރައިގެ އަމަލެއްކަމަށް މީކާއިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަން ކުރާ މީހުން މިކަން ކުރުމުގެ ބޭނުމަކީ އިސްލާމްދީން އައުމުގެ ކުރިން އޮތް ޖާހިލިއްޔަ ޒާމަނުގެ ކަންކަން ރާއްޖޭގައި ފަރުތާއި ރާއްޖޭގެ ސުލްހަމަސްލަހަތު ނަގާލުންކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރާއްޖޭގެ މިސްރާބު މިއަދު ދާގޮތަށްބަލާއިރު އަވަސް ފިޔަވަޅު ތަކެއް އަޅަންޖެހޭކަމަށެވެ. އަދި ކޯޓުން ބޭރުން ކައިވެނިކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިއަދުވެސް ރާއްޖޭގެ ޒުވާނުންނަށް އެކިއެކި މަންޒަރުތައް ދައްކައިގެން ސީރިއާގެ ހަނގުރާމައަށް ފޮނުވައި، އެތައް ޒުވާނަކު މަރުވެފައިވާކަމީ އެއާއިލާތަކުން ހިތާމަކުރަމުންދާކަމެއްކަމަށެވެ.

ކުޑަކުދިންނާއި، ކައިވެނިކޮށް، ވެކްސިން ނުޖަހައި، ސްކޫލަށް ފޮނުވަން މަނާކުރުމަކީ ދީނީގޮތުން ލިބޭ ޖާގައެއް ނޫންކަމަށް މިމައްސަލާގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް ވެކްސިން ނުދީ ސްކޫލަށް ނުފޮނުވުމުން އޭގެ ގެއްލުން ލިބެނީ ކުޑަކުދިންނަށްކަމަށާއި އެކުދިންގެ ހައްގުތައް ހަނިވާގޮތަށް ވަކި ބައެއްގެ މަސްލަހަތުގައި ކުރެވޭ ކަންކަމަކީ ހުއްޓުވަންޖެހޭ ކަމެއްކަމަށް އީވާ ވިދާޅުވިއެވެ.

މަޖިލީހަށް ހުށަހެޅިފައިވާ މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ ހަރުކަށި ފިކުރު ފެތުރުމަށް ރާއްޖޭގައި ކުރާ މަސައްކަތް ހުއްޓުވުމަށް ގޮވާލާފައެވެ. އަދި ފާޅުކަންބޮޑުކޮށް ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކާ ބައިއަތު ހިފައިގެން ތިބި މީހުންގެ އަމަލުތަކުން ރާއްޖެ ރައްކާތެރި ކުރަންޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ.