ޚަބަރު

ދަތުރު ނިންމާލަން ބޭނުންވަނީ މެޑަލަކުން - ޝިއުރާ


ދަތުރު ނިންމާލަން ބޭނުންވަނީ މެޑަލަކުންކަމަށް ޤައުމީ އަންހެން ބާސްކެޓް ޓީމްގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އާމިނަތު ޝިޢުރާ ބުނެފިއެވެ.

އަންހެނުންގެ ޤައުމީ ބާސްކެޓް ޓީމާއި ފިރިހެނުންގެ ޤައުމީ ބާސްކެޓް ޓީމް މިހާރުދަނީ ޗައިނާގައި ކޭމްޕް ކުރަމުންނެވެ. ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ޤައުމީ އަންހެން ޓީމްވަނީ ހދ.ކުޅުދުއްފުށީގައިވެސް ކޭންޕްކޮށްފައެވެ. މީގެ ދެމަސްކުރިން ކުޅުދުއްފުށީގައި ކުރި ކޭމްޕާއެކު މިހާރު ޓީމަށް ވަރަށްބޮޑު ބަދަލުތަކެއް އައިސްފައިވާކަމަށް ޝިއުރާ ފާހަގަކޮށްފައިވެއެވެ. ކުޅުދުއްފުށީގައި ތަމްރީންތަށް ހެދިއިރު އެންމެބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް ވަރަށްބޮޑަށް ރަނގަޅުވެފައިވާކަމަށެވެ. އަދި ކެއުމަށްވެސް ވަރަށްބޮޑު ބަދަލުތަކެއް ގެންނަން ޖެހުނުކަމަށް ޝިއުރާ ފާހަގަކުރިއެވެ.

"ކުޅުފުއްފުށީގެ ކޭންޕްގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ދަސްވެގެންދިޔަ ކެއުމުގައި ސަމާލްކަން ދޭންވީކަންތަށްތަށް. ކުޅުދުއްފުށީގައި ބޭނުންހާ އެއްޗެއް ކާން ނުލިބޭއިރު، އެސޯސިއޭޝަންއިން ކާންދީފައިވަނީ ސީދާ އެތްލީޓުންގެ ކެއުން. މިއާއެކު ކޭންޕް ނިންމާފައި މާލެއައިސްފައިވެސް ކުޅުންތެރިންނަށް ވަަރަށް ބޮޑަށް އެގިގެންދިޔަ ކެއުން ބަހައްޓަންވީ ގޮތް. ކުޅުދުއްފުށި ނިންމާފަ ދެން އަންހެން ޓީމް ދިޔައީ ބެންކޮކްއަށް. ބެންކޮކްގައިވެސް ކުޅުންތެރިން އެއްތަނެއްގައި ތިބެ، އެއްކޮށް ކައި ހެދުމުން ޓީމް ވޯކް ވަރަށް ބޮޑަށް ފެނިގެންދިޔަ. އެއް ކުޅުންތެރިއެއް އަނެއް ކުޅުންތެރިއަކާއި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދިޔަ. މިގުޅުމުގެ ސަބަބުން ކޯޓް ތެރޭގައިވެސް އެކަން ވަރަށް ބޮޑަށް ފެނިގެންދިޔަ، ހާއްސަކޮށް ޓީމްގެ ތެރޭގައި އެއްވެސް މަސައްލައެއް ނުޖެހި މަސައްކަތް ކުރެވިގެންދިޔަ. ގިނައިން ކޭންޕް ކުރިވަރަކަށް ޓީމްގެ ގުޅުން ބަދަހިވާކަން ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ." ޝިއުރާ ބުންޏެވެ.

މާލޭގައި ހުރިހާ ކުޅުންތެރިން އެއްތަނަކުން ދިމާވާނީ ހަމައެކަނި ފަރިތަކުރުންތަށް ކުރިއަށްގެންދާ ވަގުތުގައި ކަމަށާއި ޓީމްއެއް ބިނާކުރުމަށް ގިނަވަގުތު ހޭދަކުރުން ވަަރަށް މުހިންމުކަމަށް ޝިއުރާ ބުންޏެއެވެ. ކޭންޕްއެއްގައި ތިބޭއިރު ގިނަވަގުތު ކުޅުންތެރިން ދައްކާނީ ބާސްކެޓްގެ ވާހަކަކަމަށާއި އަބަދުވެސް ވިސްނާނީ ދެން ރަނގަޅު ކުރެވޭނީ ކޮންކަމެއްތޯކަމަށް ޝިއުރާ ބުންޏެއެވެ. ކޭންޕްއެއްގައި އެންމެން އެއްކޮށް އުޅުމުން ފަރިތަކުރުންތަށްވެސް އެހެން ލެވެލްއަކަށް ގެންދިއުމަށް ވަރަށް ބޮޑަށް ފުރުސަތު ލިބިގެންދެއެވެ. ރާއްޖެއިން ބޭރުގައި ކޭންޕްކުރުމުން ހަމައެކަނި ބާސްކެޓްއާއި މެދު ވިސްނުމަށްވެސް ފުރުސަތު ލިބޭކަމަށާއި ކުޅުންތެރިން ކުރިއަރަންވެސް ފަސޭހަކަމަށް ޤައުމީ އަންހެން ޓީމްގެ އެންމެ ތަޖްރިބާކާރު އެއް ކުޅުންތެރިޔާ ޝިއުރާ ބުންޏެވެ.

"މާލޭގައި ފަރިތަކުރުންތަށް ކުރިއަށް ގެންދާއިރު އަބަދުވެސް އެއްބަޔަކާއެކު ފަރިތަކުރުންތަށް ކުރިއަށް ގެންދަން ޖެހެނީ. ގައުމީ އަންހެން ޓީމްއާއެކު ފަރިތަކުރާނެ އިތުރު އަންހެން ޓީމްއެއް ނޯންނާނެ. ދެން މުބާރާތަށް ދާންޖެހެނީ ފިރިހެން ކުޅުންތެެރިންނާއެކު ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމަށްފަހު. ފިރިހެން ބާސްކެޓް އާއި އަންހެން ބާސްކެޓްވެސް ވަރަށް ތަފާތުވާނެ. ރާއްޖެއިން ބޭރުގައި ކޭންޕްކުރުމުގެ އެންމެ ބޯޑު ފައިދާއަކީ ރާއްޖެއަށް ވުރެއް މޮޅު އަދި ރާއްޖެއިން ވުރެއް ވަސީލަތުގެ ގޮތުންވެސް މާ ތަނަވަސް ބަޔަކާއެކު ކުޅެން ލިބޭކަން. އަދި އެކުޅުންތެރިންގެ ތަޖްރިބާތަށް ހިއްސާކޮށް، އެކުޅުންތެެރިންނާއެކު ކުޅުމުން، ރާއްޖޭގެ ބާސްކެޓްވެސް އެހެން ލެވެލްއަކަށް ގެންދިއުމަށް ވަރަށް ބޮޑު ފުރުސަތެއް ލިބިގެންދޭ. މިގޮތުން ބެންކޮން ކޭންޕްގައި ކުޅުނު މެވޗްތަކުގެ ތެރެއިން 1 މެޗް ކާމިޔާބުކޮށްފައިވުމަކީ ނޭޕާލްގައި އޮންނަ ސައުތް އޭޝިއަން ގޭމްސްއަށްދާއިރު ކުޅުންތެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިއްވަރެއް." ޝިއުރާ ބުންޏެވެ.

ޗައިނާގައި ކޭމްޕްކޮށްފައި ނޭޕާލަށް ދިއުމުން ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. ނޭޕާލްފަދަ ފިނި ޤައުމްއަކަށް ދާއިރު، ފިނީގައި ކުޅެން ދަސްކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ޤައުމީ ޓީމް ޗައިނާގައި މިހާރު ކޭންޕް ކުރަމުންދާއިރު، މިވަގުތު ޗައިނާގެ މާޙައުލު ނޭޕާލްއަށްވުރެ ފިންޏެވެ.

ޝިއުރާ ބުނީ މިއީ ނޭޕާލްގައި ކުޅުންތެރިންގެ ޕާފޯމަންސް ރަނގަޅު ކުރުމަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ. ރާއްޖެފަދަ ހޫނު ޤައުމެއްގައި ކުޅެފައިގޮސް ފިނީގައި ކުޅުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށާ، ނޭޕާލްގައި އޮންނަ ސައުތް އޭޝިއަން ގޭމްސްގެ ކުރިން ޗައިނާ ފަދަ ޤައުމެއްގައި ތަމްރީންތަކެއް ހެދުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ، ތަޖްރިބާކާރު ކުޅުންތެރިންގެ އިތުރުން ޒުވާން ކުޅުންތެރިންނަށްވެސް މޫސުމަށް ހޭނުމަށް ލިބިގެންދިޔަ ވަރަށްރަނގަޅު ފުރުސަތެކެވެ.

ކޯޓްމަތީގައި ރަނގަޅު ކުޅުމެއް ދެއްކެނީ މާޙައުލަށް އެންމެ ރަނގަޅަށް ހޭނޭ ޓީމަކަށްކަމަށާ، ފިޓް ނޫންނަމަ ކިތަންމެ މޮޅު ކުޅުންތެރިންއަކަށްވެސް ކުޅެން އުނދަގޫވާނެކަމަށް ބާސްކެޓްގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އާމިނަތު ޝިއުރާ ބުންޏެއެވެ.

ޤައުމީ އަންހެން ބާސްކެޓް ޓީމްގައި ގިނައީ ޒުވާން ކުޅުންތެރިންނެވެ. ޓީމްގައި މިވަގުތުތިބީ ތަޖްރިބާކާރު ދެތިން ކުޅުންތެރިންނެވެ. އެންމެ ތަޖްރިބާކާރު ދެކުޅުންތެރިންނަކީ ޝިއުރާއާއި ރިޝްމާކަން ފާހަގަކޮށްލެވެއެވެ. ޤައުމީ އަންހެން ބާސްކެޓް ޓީމްގައި ގިނައީ 16 އަހަރާއި 24 އަހަރާއި ދެމެދުގެ ކުޅުންތެރިންނެވެ.

ޝިއުރާ ބުނީ ޒުވާން ކުޅުންތެރިންގެ ފަރާތުން ފެންނަމުންދަނީ ވަރަށް ޕޮޒިޓިވް ކަންތަށްތަކެއްކަމަށާއި އެއްވެސް ކަމަކަށް ޝަކުވާ ކުރާތަން ފެނިގެންނުދާކަމަށެވެ. އަދި ޗައިނާފަދަ ފިނި ޤައުމްއެއްގައިވެސް ޒުވާން ކުޅުންތެރިން ފިނިވެގެން، ބަލިވާތަން ނުފެންނަކަމަށާ، އަމިއަލްއަށް އެޖެސްޓްވާން ކުޅުންތެރިން ވަރަށް އަވަހަކަށް ދަސްކޮށްފައިވާކަމަށްވެސް ޝިއުރާ ބުންޏެއެވެ.

ޝިއުރާބުނީ މިހާރު ޓީމުއޮތީ ވަރަށް ރަނގަޅު ފޯމެއްގައިކަމަށާ ބޭނުމަކީ މެޑަލެއްކަމަށެވެ. ސައުތް އޭޝިއަން ގޭމްސްގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން އިންޑިޔާ ނޫން އެހެން ހުރިހާ ޓީމެކަށްވެސް ރާއްޖެ ބަލިކުރަން އުދަގޫވާނެކަމަށާ، ޓީމުގެ ހުރިހާ ކުޅުންތެރިންގެވެސް އުއްމީދަކީ އިންޑިޔާ ބަލިނުކުރެވުނަސް، އެހެން ޓީމްތަށް ބަލިކޮށް މެޑަލްއެއް ހޯދުންކަމަށް ޝިއުރާ ބުންޏެވެ.