ޚަބަރު

ބަހަނާ ދައްކާކަށް ފުރުސަތެއް ނެތް - ސުޕުން


ސައުތް އޭޝިއަން ގޭމްސްއިން މެޑަލެއް ހޯދުމަށް، އެއްވެސް ބަހަނާއެއް މިހާރު ނުދެއްކޭނެކަމަށް އަންހެނުންގެ ޤައުމީ ބާސްކެޓް ޓީމްގެ ކޯޗް ސްރީލަންކާގެ ސުޕުން ވިމާލް ބުނެފިއެވެ.

އަންހެނުންގެ ޤައުމީ ބާސްކެޓް ޓީމުވެސް މިހާރުދަނީ ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ޗައިނާގައި ކޭމްޕް ކުރަމުންނެވެ. ސުޕުން ބުނީ ރާއްޖޭގެ ކުޅުންތެރިންނަކީ އަބަދުވެސް ހޫނުގައި ކުޅޭ ކުޅުންތެރިންނަށްވެފައި، މިފަހަރުގެ ސައުތް އޭޝިއަން ގޭމްސް ނޭޕާލްގައި އޮތުމުން، ނޭޕާލްގެ ފިންޏަށް ކުޅުންތެރިން ހޭނުމަށް ޗައިނާގެ ކޭންޕަކީ ވަރަށްމުހިންމު ކޭމްޕެއްކަމަށެއެވެ.

ޗައިނާގެ ކޭންޕްގެ ކުރިން އަންހެނުން ޤައުމީ ޓީމް ބެންކޮކްގައިކުރި ކޭމްޕާ ބެހޭގޮތުން ވާހަކަދައްކަމުން ސުޕުން ބުނީ ބެންކޮކްގެ ފަރިތަކުރުންތަކުގައި އެންމެ ބޮޑަށް މަސައްކަތްކޮށްފައިވަނީ ޓީމް އެކުލަވާލުމާއި ޓީމް ބިނާކުރުމުގެ މައްޗަށްކަމަށެވެ. ނަމަވެސް ޗައިނާ ކޭންޕްގައި އެންމެ ބޯޑު އިސްކަމެއްދެނީ ޓީމް އެއްކޮށް މަސައްކަތް ކުރުމާއި ޓީމް ވަންތަކަން ޓީމްއަށް ގެނައުމަށްކަމަށް ސުޕުން ބުންޏެއެވެ.

ނޭޕާލްއަށް ވުރެއް އުހުގައި ފަރިތަކުރުންތަށް ކުރިއަށް ގެންދަނީވެސް ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުންކަމަށާއި މިއީ ގޭމްސްއަށް ތައްޔާރުވުމަށް ލިބޭ އެންމެ ފަހުގެ ތަމްރީންތަށްކަމަށްވެސް ޤައުމީ އަންހެން ބާސްކެޓް ޓީމްގެ ކޯޗް ސުޕުން ބުންޏެއެވެ. ނޭޕާލްގެ ފިނީގައި ކުޅެން ޖެހިފައިވާއިރު، އެކަމަށް ތަައްޔާރުނުވެ ނޭޕާލްއަށް ގޮސްފިކަމަށްވާނަމަ، އެއްވެސް ކުޅުންތެރިންއަކަށް ރަނގަޅު ކުޅުމެއް ނުދެއްކޭނެކަމަށާއި ކުޅުންތެރިން ނޭޕާލްގެ މާހައުލަށް ހޭނުމަކީ ވަރަށް މުހިންމުކަމެއްކަަމަށްވެސް ސުޕުން ފާހަގަކުރިއެވެ. ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ބާސްކެޓް ޓީމް ޗައިނާގައި ކޭންޕް ކުރަނީވެސް ފިއްޏަށް ހޭނުމަށްކަމަށާއި މިކޭންޕްއަކީ ވަރަށް އަގުބޮޑު ކޭންޕްއެއްކަމަށް ގައުމީ އަންހެން ޓީމްގެ ކޯޗް ސުޕުން ބުންޏެއެވެ.

"އަޅުގަނޑު ގަބޫލް ކުރަނީ އެސޯސިއޭޝަންއިން މިހާރުވަނީ ކޯޗުން ބުނި ހުރިހާކަމެއް ކޮށްދީފަ. ނޭޕާލްގައި އޮންނަ ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ފިނީގައި ފަރިތަކުރަން ޖެހޭކަން އެގޭއިރު، އެކަންވެސް އެސޯސިއޭޝަންއިން މިވަނީ ފުރިހަމަކޮށްދީފަ. ނޭޕާލްއަށް ވުރެއް އުސް އަދި ނޭޕާލްއަށް ވުރެއް ފިނީގައި ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމަށް މިހާރު މިވަނީ ފުރުސަރު ލިބިފަ. އަޅުގަނޑު ގަބޫލް ކުރަނީ އެސޯސިއޭޝަންގެ ރޯލް އެސޯސިއޭޝަންއިން އަދާކޮށްފައިވާކަމަށް، ދެން މިހާރު މިއޮތީ ކުޅުންތެރިންނާއި ކޯޗުން ސްޓާފުންގެ ރޯލް. މިހާރު ނަތީޖާ ނެރުމަށް އެއްވެސް ބަހާނާއެއް ނުދެއްކޭނެ. ކުޅުންތެރިންވެސް އަދި ކޯޗިން ސްޓާފުންވެސް މިހާރު ޖެހޭނީ ނަތީޖާ ނެރެން. ނަމަވެސް ގައުމީ އަންހެން ޓީމް ހޯދާނީ މިވެނި މެޑަލްއެކޭ މިވަގުތު ބުނަންވަރަށް ދަތި. އަޅުގަނޑު އެހެން ބުނާކަމަށް ނެތިން، ނަމަވެސް ގައުމީ އަންހެން ޓީމް، އެހެން ޓީމްތަކަށް ރަގަނޅު ވާދައެއް ކުރާނެ". އަންހެނުންގެ ޤައުމީ ޓީމްގެ ކޯޗް ސުޕުން ބުންޏެވެ.

ސުޕުންބުނީ ބާސްކެޓް ޓީމް ނޫންނަސް އެހެން ޓީމްތަކަށްވެސް ނޭޕާލްގެ ފިނީގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާނެކަމަށާއި ފިންޏަށް ނުހޭނިއްޖެނަމަ، އެންމެ ރަގަނޅު ކުޅުންދައްކަން އުދަގޫވާނެކަމަށެވެ.