ވިޔަފާރި

ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންޖީސީން ހޮވި ލިސްޓުގައި ރާއްޖެ!


މަޝްހޫރު ނޭޝަނަލް ޖިއޮގްރަފިކް ޗެނަލްއިން އާންމުކުރި "2020 ވަނަ އަހަރު ކޮންމެހެންވެސް ޒިޔާރަތްކުރަންޖެހޭ ދުނިޔޭގެ މަންޒިލްތަކުގެ" ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ނޭޝަންލް ޖިއޮގްރަފިކް އިން ވަނީ އަންނަ އަހަރު ދުނިޔޭގެ އެކި ހިސާބުތަކުން ކޮންމެހެންވެސް ޒިޔާރަތްކުރަންޖެހޭ 25 މަންޒިލެއް އާންމުކޮށްފައެވެ. މި ލިސްޓުގައި ހިމެނޭ 25 މަންޒިލް ހޮވާފައިވަނީ ނޭޝަނަލް ޖިއޮގްރަފިކްގެ އެޑިޓަރުންނާއި އަދި ދުނިޔޭގެ އެކި މަންޒިލްތަކަށް ޒިޔާރަތްކުރާ މީހުންގެ ޙިޔާލުގެ މައްޗަށް ބެލުމަށްފަހުގައެވެ.

މި ލިސްޓްގައި ހިމެނޭ މަންޒިލްތައް ހޮވުމުގައި އެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ކުރިއަރާފައިވާ މިންވަރަށް ބަލާފައިވާނެކަމަށް ނޭޝަނަލް ޖިއޮގްރަފިކްއިން ބުނެއެވެ. މީގެއިތުރުން ފަތުރުވެރިކަމުގައި އެ ޤައުމުތަކުގެ ސަޤާފަތް ބޭނުންކުރާ މިންވަރާއި، އެތަނަކަށް ދަތުރުކުރަން ހަރަދުވާ މިންވަރާއި، ފަތުރުވެރިކަމުގެ ސަބަބުން މުޖްތަމައުއަށްކުރާ ހެޔޮ އަސަރުގެ މައްޗަށް ބަލާފައިވާނެކަމަށް ނޭޝަނަލް ޖިއޮގްރަފިކްއިން ބުނެއެވެ.

މި ލިސްޓުގައި ރާއްޖެ ހިމަނާފައިވާއިރު، ނޭޝަނަލް ޖިއޮގްރަފިކްއިން ރާއްޖެއާއި ގުޅޭގޮތުން ބުނެފައިވަނީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްކުރުމުގައި ނަމޫނާ ޤައުމެއްކަމަށެވެ. އަދި 2020 ވަނަ އަހަރު ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ވުމަށް ކުރަމުންދާ މަސައްކަތުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލާފައިވެއެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރަން އެންމެ ރަނގަޅު ދުވަސްވަރެއްގެ ގޮތުގައި ބުނެފައިވަނީ ފެބްރުއަރީ އަދި މާރޗް މަހުގެތެރޭގައެވެ.

މި ލިސްޓުގައި ރާއްޖޭގެ އިތުރުން ދެން ހިމެނިފައިވަނީ ޗައިނާ، ޖަޕާންގެ ޓޯހޮކު، ހަންގޭރީގެ ނޭޝަނަލް ބުލޫ ޓްރެއިލް، ކެނެޑާގެ މަގްޑަލެން އައިލެންޑް، އިންޑިއާގެ ފޯޓް ކޮޗީ، އޮސްޓްރޭލިއާގެ ޓެސްމޭނިއާ، ސްޕެއިންގެ އަސްޓުރިއަސްއެވެ. މީގެއިތުރުންވެސް އާޖެންޓީނާ، ޔޫކޭ، ރަޝިއާ، އިޓަލީ، ޕޮލެންޑް އަދި އޮސްޓްރިއާގެ އެކި ސަރަހައްދުތައް ހިމެނެއެވެ.

މީގެކުރިންވެސް ރާއްޖެވަނީ މިފަދަ ލިސްޓްތަކުގައި ހިމެނިފައެވެ. އެގޮތުން ކޮންޑެނާސްޓުން ހޮވި ފަތުރުވެރިކަމުގެ މާކެޓަށް އަލަށް ނެރޭ ރިސޯޓުތަކުގެ ތެރެއިން އެންމެ ރަނގަޅު ހޮޓަލާއި، ކޮންޑެ ނާސްޓް ޓްރެވަލާރގެ ގޯލްޑް ލިސްޓުގައިވެސް ރާއްޖޭގެ ރިސޯޓްތައް ވަނީ ހިމެނިފައެވެ. އަދި އިންސްޓަގްރާމްކުރަން އެންމެ ރަނގަޅު މަންޒިލްތަކުގެ ތެރޭގައިވެސް މީގެކުރިން ރާއްޖެ ވަނީ ހިމެނިފައެވެ.