ޓުއަރިޒަމް

އަންނަ އަހަރުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން


ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުންކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ ވަޙީދު މިހެން ވިދާޅުވީ މިއަހަރު ރާއްޖެ ޒިޔާރަތްކުރި 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ދެންނެވުމަށް އެއަރޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން ހިފާފައިވާ އަމާޒާއި ހަމައަށް ވާސިލްވެވުނީ އިންޑަސްޓްރީގެ ހުރިހާ ބޭފުޅުންގެ ބައިވެރިވުމާއި އެކުގައިކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ކާމިޔާބީއާއެކު އަންނަ އަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ އެންމެ ރީތި، ތަފާތު މަންޒިލްގެ އިތުރުން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓްކުރުންކަމަށެވެ. އެގޮތުން މި އަމާޒާއެކު މަސައްކަތްތައް ކުރިއަށްގެންދިއުމަށް ރާވާފައިވާއިރު އަންނަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އުއްމީދެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ނެކްސްޓް ޓާގެޓަކީ 2 މިލިއަން. މިއީ ވަރަށް ބުރަ މަސައްކަތަކަށް ވެގެންދާނެ. އެހެންނަމަވެސް އެއްވެސް ކަމަކީ މަސައްކަތެއްކޮށްފިނަމަ ނުވާނެކަމެއް ނޫން. މިކަން ހާސިލްކުރުމަކީ އަންނަ އަހަރުގެ އަމާޒު." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވިއްޖެނަމަ، 2 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ރަޢީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަޑައިގަންނަވާނެކަމަށެވެ.

ރާއްޖެއަށް މިއަހަރުގެ ތެރޭ 1.5 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. އެހެންނަމަވެސް ދިގުރާސްތާގައި ސަރުކާރުގެ ސިޔާސަތަކީ ވެރިކަމުގެ 5 އަހަރު ނިމޭއިރު ރާއްޖެއަށް ކޮންމެ އަހަރަކު 2.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.