ކުޅިވަރު

ރޭގެ މެޗުގައި މައްސަލަ އަކީ ވަޔާއި ދަނޑު: ވަލްވާޑޭ


ޓޭބަލުގެ އެންމެ ފުލުގައި އޮތް ލެގަނެސް އަތުން 2-1އިން ބާސެލޯނާއަށް މޮޅުވާން އުނދަގޫވީ ދަނޑާއި ވައި ހުރި ގޮތުން ކަމަށް ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.

ލުއިސް ސުއަރޭޒް އާއި މެޗު ނިމެން 11 މިނިޓަށްވެފައިވަނިކޮށް އަރްތޫރޯ ވިދާލް ޖެހި ގޯލުން ބާސެލޯނާ މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ވަލްވާޑޭ ބުނީ މެޗު އުނދަގޫވި އަނެއް ސަބަބުތަކަކީ ލެގަނެސް މެޗުގެ ކުރީކޮޅު ލަނޑެއް ޖަހައި ފަހަތުގައި ތިބުން ކަމަށެވެ.

"އަހަރެން އެކްސްކިއުޒް ދައްކާކަށް ބޭނުމެއްނޫން. އެކަމަކު އެމީހުން ކުޅުނީ ވަރަށް ފަހަތުގައި ތިބެގެން. މިހެންވެ އަހަރުމެންނަށް އުނދަގޫވި. ދަނޑާއި ވައި ހުރި ގޮތުން ވެސް އުނދަގޫވި. އެމީހުން ކުރިން ގޯލު ޖެހުމާއެކު އަދި އެމީހުން މޮޅުވާން ބޭނުންވެފައި ތިބިވަރުން ވަރަށް ގިނަ އުނދަގޫތައްދިމާވި. މިދޔަ އަހަރު އަހަރުމެން މި ދަނޑުގައި ބަލިވި. މިފަހަރު މޮޅުވީ. މިކަހަލަ ދަނޑުތަކުގައި ކުޅެން އަހަރުމެން ފަރިތަވާންވެސް ޖެހޭ،" 28 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގައި އޮތް ޓީމުގެ ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ މި މޮޅާމެދު އުފާކުރަންޖެހޭ ކަމަށެވެ. އަދި މިއީ ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް ދެކޮޅަށް ނުކުތުމުގެ ކުރިން ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.

"އަހަރުމެން ވަރަށް ފޯރީގައި މި މެޗަށް ނުކުންނަން ޖެހޭނީ. މެޗުގެ ކުރިން މި ލިބުނީ ވަރަށް ރަނގަޅު މޮޅެއް. އަހަރުމެން ކޮންމެހެން ކާމިޔާބު ކުރަންޖެހޭ މެޗެއް އެއީ،" މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ލިވަޕޫލް އަތުން ބަލިވުމާއެކު މަގާމު ގެއްލުމުގެ ބިރު ކުރިމަތިވެފައިވާ ކޯޗު ބުންޏެވެ.

ޑޯޓްމަންޑް އަތުން މޮޅުވެއްޖެނަމަ ބާސެލޯނާ އަށް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރު ޔަގީންވާނެ އެވެ.