ޚަބަރު

ނުރަނގަޅު އާދަތަކުން ދުރުވެ، އަމާންކަން ޤާއިމްކުރުމަށް ޒުވާނުންގެ ދައުރު ބޮޑު - ހޯމް މިނިސްޓަރ


ދިވެހި ޒުވާނުންނަކީ މިހާރު މުޖުތަމަޢުގައި އުފެދިފައިވާ ނުރަނގަޅު އާދަތަކުން އެއްކިބާވެ ތިބެ، ޤައުމު އަމާންކަމުގެ އައްސޭރިއަކަށް ގެންގޮސްދޭ ބަޔަކަށްވުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިލްތިމާސްކުރައްވައިފިއެވެ.

ދިވެހި ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންއިން މިއަހަރު ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ މުޖުތަމަޢު ބިނާކުރުމުގައި ޒުވާނުންގެ ދައުރުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފިއެވެ.

ހޯމް މިނިސްޓަރގެ ވާހަކަފުޅުގައި ޒުވާނުންނަކީ ސުލްޙަ ޤާއިމުކުރާ ލީޑަރުންނަށް ވާންޖެހޭކަން ފާހަގަކުރެއްވިއެވެ. މިއަދު ދިވެހި މުޖުތަމަޢުގައި ނުރަނގަޅު ގިނަ އާދަތަކެއް އަދި ކުށްތަކެއް އާއްމުވަމުން އަންނަކަން ފާހަަގަކުރައްވާ، ހޯމް މިނިސްޓަރ ވިދާޅުވީ މި ނުރަނގަޅު އާދަތަކުން އެއްކިބާވެ ތިބެ، ޤައުމު އަމާންކަމުގެ އައްސޭރައަކަށް ގެންގޮސްދޭ ބަޔަކަށް ޒުވާނުން ވާންޖެހޭކަމަށެވެ. އަދި މިނިސްޓަރ ވަނީ ދިވެހި ޒުވާނުންްނަކީ އިލްމުވެރި ބަޔަކަށްވުމަށްވެސް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެންނަށް ކުރީގައި މީހަކު މަރާލުމުން ބޮޑުކަމަށް ވިޔަސް މިއަދު މިކަން މިވަނީ ކުޑަކަމަށް ވެފައި. މިއަދު ދިވެހި މުޖުތަމަޢުގައި ނުރަނގަޅު ގިނަ އާދަތަކެއް އަދި ކުށްތަކެއް އާންމުވަނީ ވެފައި. ދިވެހި ޒުވާނުންނަކީ މިހާރު މުޖުތަމަޢުގައި އުފެދިފައިވާ ނުރަނގަޅު އާދަތަކުން އެއްކިބާވެ ތިބެ، ޤައުމު އަމާންކަމުގެ އައްސޭރައަކަށް ގެންގޮސްދޭ ބަޔަކަށް ވާން ޖެހޭ." މިނިސްޓަރ އިމްެރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީއިން ކުރި ޓުއީޓް

ދިވެހި ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންއިންއިން މިއަހަރު ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ އަހިންސާ ދުވަސް ފާހަގަކުރުމަށް ހޯމް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދިޔަ ވާހަކަދެއްކުމުގެ މުބާރާތް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި މި މުބާރާތުގައި ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި، އެމްއެންޔޫއެސްޔޫ އިން ވަނީ، އިސްވާރުންގެ އެވޯޑް 100 އަށް ވުރެ ގިނަ ކުދިންނަށް ދީފައެވެ. އަދި މަރްހޫމް އަހުމަދު މުހައްމަދުގެ ހަނދާނުގައި ދޭ އެވޯޑް ވަނީ 64 ދަރިވަރަކަށް ދީފައެވެ. މި ރަސްމިއްޔާތުގައި އެމްއެންޔޫއެސްޔޫއިން ވަނީ ޝަރަފްވެރިކަމުގެ އިނާމުގެ އިތުރުން، ދަ ނެކްސްޓް ލެވެލްގެ ނަމުގައި ހާއްސަ އެވޯޑެއް ތަޢާރަފްކޮށްފައެވެ. މިއީ ކޮންމެ އަހަރަކު ތައްޔަރުކުރާ ޓެލެންޓް ޝޯއަކުން ހޮވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.