ކުޅިވަރު

ޕޮޗެޓިނޯ އަކީ ކޮންމެ ކުލަބަކުން ވެސް ބޭނުންވާނެ ކޯޗެއް: ކްލޮޕް


ޓޮޓެންހަމުން ވަކިކުރި އާޖެންޓީނާގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ އަކީ ކޮންމެ ބޮޑު ކުލަބަކުން ވެސް ބޭނުންވާ ފަދަ ކޯޗެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
އޭނާ ބުނީ ޕޮޗެޓިނޯ ވަކިކުރި ޙަބަރު އެންމެ ފުރަތަމަ އިވުމުން އެކަން ގަބޫލުކުރަން ދަތިވި ކަމަށެވެ.

"އަހަރެންގެ ފުރަތަމަ މެޗަކީ ޕްރެމިއާ ލީގުގައި އޭނާއާ ދެކޮޅަށް ނުކުންނަން ޖެހުނު މެޗެއް. އެހެންވެ އަހަރުމެންގެ ތާރީހެއް އެބައޮތް. ދެން އޭނާއާ ދެކޮޅަށް މީގެ ފަސް މަސްކުރިން ޗެމްޕިއަންސް ލީގު ފައިނަލް ކުޅެން ޖެހުނު. އޭނާ އަދާކޮށްފައިވަނީ ވަރަށް ބަރާބަރު ވަޒީފާއެއް. ކޮންމެ ބޮޑު ކުލަބަކުން ވެސް އޭނާ އަށް ޖާގަދޭނެ،" ކްލޮޕް ބުންޏެވެ.

ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި ޕޮޗެޓިނޯ ވަނީ ޒުވާން ކުޅުންތެރިންތަކެއް ތަރިންނަށް ހަދައިދީ ޓޮޓެންހަމަ ޕްރެމިއާ ލީގުގެ ގަދަ ހަތަރަކަށް ގެންގޮސްދީފަ އެވެ. ނަމަވެސް އޭނާ ވަކިކުރީ މި ސީޒަނުގެ ލީގުގެ 14 ވަނަ އަށް ވެއްޓުމުންނެވެ.

ޕޮޗެޓިނޯ ހޯދުމަށް އެންމެ ބޮޑަށް މިވަގުތު މަސައްކަތް ކުރަނީ ޖަރުމަނުގެ ބަޔާން މިއުނިކުންނެވެ. އަދި ސްޕޭނުގެ ރެއާލް މެޑްރިޑް ވެސް ދަނީ އޭނާއަށް ފާރަލަމުންނެވެ.

ޕޮޗެޓިނީގެ ބަދަލުގައި ޓޮޓެންހަމަށް ގެނައީ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަދި ރެއާލް މެޑްރިޑާއި އިންޓަމިލާނުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ. ކްލޮޕް ބުނީ މޮރީނިއޯ ޕްރެމިއާ ލީގަށް އައުމަކީ އުފާވެރި ކަމެއް ކަމަށެވެ.