ޚަބަރު

ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކުރުމަށް ބަޖެޓް ކޮމިޓީން ނިންމައިފި


އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް، 366 މިލިއަން ރުފިޔާ އިތުރުކުރުމަށް ބަޖެޓު ކޮމިޓީން ނިންމައިފިއެވެ.

ބަޖެޓް ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ރޭ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައެވެ. މިއާއެކު އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓު 37.8 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެއެވެ.

ބަޖެޓަށް އިތުރުކުރުމަށް ކޮމިޓީން ނިންމާފައިވާ 366 މިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ ޕްރޮގްރާމުތަކަށާއި އޮފީސްތަކުގެ ޚަރަދުތައް ހަމަޖެއްސުމަށް އިތުރުކޮށްފައިވާ ފައިސާއެވެ. މި ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ ޓީބިލް ވިއްކައިގެންކަމަށް ބަޖެޓު ކޮމިޓީގައި މަޝްވަރާކޮށްފައިވެއެވެ.

ސަރުކާރުން މިހާރުވެސް ވަނީ ފައިނޭންސް ހޯދުމަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ޖަޕާނަށް ވިއްކުމަށް ނިންމާފައެވެ. މީގެ އިތުރުން 563 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ވިއްކުމަށް ނިންމާފައިވާކަމަށް ވެސް ސަރުކާރުން ވިދާޅުވެއެވެ.

ރޭ ބޭއްވި ބަޖެޓު ކޮމެޓީއާއެކު، ބަޖެޓުގެ ކޮމިޓީ މަރުހަލާ ނިންމާފައިވާއިރު، ބަޖެޓު ބަހުސްގައި މެންބެރުން ހުށަހެޅި ކަންކަންވެސް ވަނީ ބަޖެޓުގައި ހިމަނާފައެވެ. ކޮމެޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް އަންނަ ހޯމަ ދުވަހު އިއްވާނެ ކަމަށް ލަފާކުރެވެއެވެ. މަޖިލީހުގެ ތަޅުމަށް ބަޖެޓު ކޮމެޓީގެ ރިޕޯޓު އިއްވުމަށްފަހު ބަޖެޓަށް ވޯޓަށް އެހުމުގެ ކުރިން ކޮންމެ މެންބަރަކަށްވެސް ބަޖެޓާ ބެހޭގޮތުން ވާހަކަ ދެއްކުމަށް 7 މިނެޓް ލިބޭނެއެވެ. 2020 ވަނަ އަހަރަށް ކަނޑައަޅާ ބަޖެޓު އަންނަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވެއެވެ.