ޚަބަރު

ޙައްޖު ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ %5 ބޮޑެތި ބަލިތައް ތަހައްމަލްކުރާ މީހުންނަށް


ކޮންމެ އަހަރަކުވެސް ޙައްޖު ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ ތެރެއިން %5 ޖާގަ ބޮޑެތި ބަލިތައް ތަހައްމަލްކުރާ ފަރާތްތަކަށް ޚާއްސަ ކުރުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.

މިގޮތަށް ހަމަޖައްސާފައިވަނީ ޙައްޖު ކޯޕަރޭޝަނުގެ ޙިދުމަތް ހޯދުމާބެހޭ އުޞޫލަށް ގެނައި އިޞްލާޙުގެ ދަށުންނެވެ. ޙައްޖު ކޯޕަރޭޝަނުން ބުނީ ބޮޑެތި ބަލިތަކުގެ ގޮތުގައި ބެލެވޭނީ ފުރާނައަށް ނުރައްކާވާފަދަ ބަލިތައް ތަހައްމަލްކުރަމުންދާ ފަރާތްތައްކަމަށެވެ. ކޮންމެ ހައްޖު މޫސުމަކާއި ދިމާކޮށް މި %5 ކޯޓާއަށް ކުރިމަތިލުމަށް އާންމުކޮށް އިޢުލާނުކޮށް ހުޅުވާލުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.

އެ ކޯޕަރޭޝަނުން ބުނީ ބޮޑެތި ބަލިތައް ތަހައްމަލްކުރާ މީހުންނަށް ޙާއްޞަކޮށްފައިވާ ކޯޓާގެ ފުރުޞަތައް ކުރިމަތިލާއިރު އެފަދަ ބައްޔެއް ތަހައްމަލްކުރާ ފަރާތެއްކަން ބަޔާންކޮށްފައިވާ ޑޮކްޓަރުގެ ލިޔުން ހުށަހަޅަންޖެހޭނެކަމަށެވެ. އަދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޙައްޖަށް ދިއުމަށް ޖާގަ ލިބި ލިސްޓަށް އަރާ ތަރުތީބުން އެފަރާތްތަކަށް ޖާގަ ދިނުމަށް ވަނީ ނިންމާފައެވެ. ޖާގަ ދިނުމުގައި އެ ފަރާތެއްގެ ބަލި ހާލަތަށް ރިއާޔަތްކޮށް ގިނަވެގެން 2 އެހީތެރިއަކަށް ޖާގަދިނުމުގެ އިޙްތިޔާރު ކޯޕަރޭޝަނަށް ލިބިގެންވާކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތް ހޯދުމާއި ބެހޭ އުޞޫލަށް ގެނައި ދެވަނަ އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށް މިހާރު އެ ކޯޕަރޭޝަނުގައި ރަޖިސްޓްރީވެ މެންބަރުންނަށްވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި އިޞްލާޙުގެ މަޤްޞަދަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުން ހައްޖަށް ފޮނުވުމަށް އެ ކޯޕަރޭޝަނުގައި ރަޖިސްޓްރީކޮށް ފައިސާ ދެއްކޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

މި އިޞްލާޙުގެ ދަށުން ރަޖިސްޓްރީ ކުރެވޭނީ ދިވެހި ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނިތަކުގެތެރެއިން ރަޖިސްޓްރީކުރިފަހުން 1 އަހަރު ހަމަވެފައިވާ، ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންގެ އަދަދު 10 އަށްވުރެ މަދުނޫން ކުންފުނިތަކަށެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަންގައި ރަޖިސްޓްރީކޮށް ކަނޑައަޅާފައިވާ ހައްޖައްދިއުމަށް ނަގާ އަގުގެ %75 ދެއްކުމުން ޙައްޖު ޖާގައިގެ ލިސްޓަށް އަރުވާނެކަމަށެވެ.