ކުޅިވަރު

މާޒިޔާގެ އެކަޑަމީ ނައިޓް 2019 ބާއްވައިފި


މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެކަޑަމީ ނައިޓް ރޭ ބާއްވައިފި އެވެ.

އެއް ނަންބަރ ޓާރފް ދަނޑުގައި ބޭއްވި މި ހަފްލާ 2019 ވަނަ އަހަރު މާޒިޔާ ފުޓުބޯޅަ އެކަޑަމީން ހޯދާފައިވާ ކާމިޔާބީއާއި މި އަހަރަށް އެ އެކަޑަމީގެ ހަރަކާތްތައް ނިންމާލުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެކެއެވެ.

މާޒިޔާ އިން ވަނީ މި އަހަރު 12 އަހަރުން ދަށުގެ ޔޫތު ލީގު، 14 އަހަރުން ދަށުގެ ޔޫތު ލީގު އަދި އިންޑިއާގައި ބޭއްވި 14 އަހަރުން ދަށުގެ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއި މުބާރާތް ކާމިޔާބުކޮށްފައެވެ.

މި ހަފްލާގައި ވަނީ މާޒިޔާގެ 12 އަހަރުން ދަށުގެ ކުޅުންތެރިންނާއި، 14 އަހަރުން ދަށުގެ ކުޅުންތެރިން ހޯދި ކާމިޔާބީއާ ގުޅިގެން އެ ކުޅުންތެރިންނާއި، ޓީމުގެ އޮފިޝަލުންގެ އަގުވަޒަންކޮށްފައެވެ.

މި ހަފްލާގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލު ބައިވެރިވެވަޑައިގެންނެވި އިރު، މާޒިޔާގެ މެނޭޖްމަންޓުގެ ބޭފުޅުންނާއި، އެ ކްލަބުގެ ސްޕޮންސަރުންނާއި، އެ ކްލަބަށް ކުރިން ކުޅުނު ކުޅުންތެރިންނާއި، އެ ކްލަބުގެ އެކަޑަމީގެ ކުޅުންތެރިންނާއި، އެ ކްލަބްގެ ސީނިއަރ ޓީމު ކުޅުންތެރިންނާއި، ފުރަތަމަ ޑިވިޝަންގެ ކޯޗުންވެސް ވަނީ ބައިވެރިފައެވެ.

މާޒިޔާ 1996 ވަނަ އަހަރު އުފެދުނުއިރު، އެ ކްލަބުން އަންނަނީ ފުޓުބޯޅަ، ބައިބަލާ، ބާސްކެޓް، ވޮލީ އަދި މިނޫން ކުޅިވަރުތަކުގައިވެސް ބައިވެރިވަމުންނެވެ. އަދި އެ ކްލަބުން ވަނީ ފާއިތުވެދިޔަ ތަނުގައި އެކި ކުޅިވަރުތަކުން ކާމިޔާބީތައްވެސް ހޯދާފައެވެ.