ވިޔަފާރި

"ދަނޑުވެރި ނަފާ" ލޯނަށް 2 މިލިއަން ރުފިޔާ ދޫކޮށްފި


އެސްއެމްއީ ބޭންކުން ދޫކުރާ "ދަނޑުވެރި ނަފާ" ލޯނުގެ ދަށުން މިހާތަނަށް 2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

އެސްއެމްއީ ބޭންކުގެ ދަށުން ހަތަރު ލޯނަކަށް އެދުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލިއިރު މީގެ ތެރޭގައި ހިމެނޭ 1 ދާއިރާއަކީ ދަނޑުވެރިކަން ކުރިއެރުވުމަށް ހުޅުވާލި ދަނޑުވެރި ނަފާ ލޯނެވެ. ލޯނަށް ހުޅުވާލިތާ 8 މަސްދުވަސް ވެފައިވާއިރު މިހާތަނަށް 2،075،000 ( ދެ މިލިއަން ހަތްދިހަ ފަސްހާސް) ރުފިޔާ ވަނީ ދޫކޮށްފައެވެ.

ފިޝަރީސް މިނިސްޓްރީން ވިދާޅުވީ މިއީ ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކޮށް މަސައްކަތްތަކަށް އިންވެސްޓުކުރެވޭނެ މަގުތައް ދަނޑުވެރިންނަށް ފަހިކޮށްދިނުމުގެ މަޤްސަދުގައި ތަޢާރަފްކޮށްފައިވާ ސްކީމެއްކަމަށެވެ. މި ލޯން ޕްރޮގްރާމުގެ ދަށުން ލޯނު ދޫކުރުމުގައި އިސްކަން ދޭނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރުޢުތައް ހިންގުމަށްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ވަރޓިކަލް ގަރޑެނިންގ، ޕޯލްޓްރީގެ އިތުރުން ކުދި ޖަނަވާރު ގެންގުޅުން އަދި ގަސް އުފައްދާ ނާސަރީތައް ޤާއިމްކުރުން ފަދަ ކަންތައްތަކަށް ލޯން ދޫކުރެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ހައެއް އިންސައްތަ އިންޓްރެސްޓާއެކު ދޫކުރާ މި ލޯން ސްކީމްގެ ދަށުން އެންމެ މަދުވެގެން ނެގޭނީ 75 ހާސް ރުފިޔާއެވެ. އަދި އެންމެ ބޮޑު އަދަދަކަށް ނޭގޭނީ 2 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އަމިއްލަ ފަރުދުންނަށް 75 ހާސް ރުފިޔާއާއި 500 ހާސް ރުފިޔާއާއި ދެމެދުގެ ފައިސާގެ އަދަދެއް ލޯނުގެ ގޮތުގައި ނެގޭއިރު ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނި އަދި ކޯޕަރޭޓިވްސްތަކަށް 75 ހާސް ރުފިޔާއާއި ދެ މިލިއަން ރުފިޔާގެ ދެމެދުގެ ލޯނު ނެގޭނެގޭނެއެވެ. އަދި ރަހުނު ނުދައްކާ ލޯނު ނެގޭނެ އެންމެ މަތީ އަދަދަކީ 75 ހާސް ރުފިޔާކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ލޯނުގެ ގޮތުގައި 75 ހާސް ރުފިޔާ ނަގާ ފަރާތްތަކަށް ފައިސާ ދެއްކުމަށް 3 އަހަރުގެ މުއްދަތަކާއި ހަމަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭއިރު 75 ހާސް ރުފިޔާއާއި 500،000 ރުފިޔާއައި ދެމެދުގެ ލޯން ނަގާ ފަރާތްތަކަށް ހަމަހުގެ ގްރޭސް ޕީރިއަޑަކާއެކު ފައިސާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. އަދި 500،000 ރުފިޔާއަށް ވުރެ މަތިން ލޯން ނަގާ ފަރާތްތަކަށް އެއް އަހަރުގެ ގްރޭސް ޕީރިއެޑަކާއިއެކު ފައިސާ ދައްކާ ޚަލާސްކުރުމަށް 7 އަހަރުގެ މުއްދަތެއް ދެވެނޭއެވެ.

މިނިސްޓްރީން ވިދާޅުވީ މި ލޯން ސްކީމަށް އެދި ހުށަހަޅާ ކުންފުނިތަކާއި ކޯޕަރޭޓްތަކަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ރެޖިސްޓަރވެފައިވާ ކުންފުނިތަކަށް ވާންޖެހޭކަމަށެވެ. އަދި އަމިއްލަ ފަރުދެއްނަމަ ލޯން ހަމަޖެހޭ ހިސާބުން އެސްއެމްއީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައި އޮންނަން ޖެހޭކަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.