ޚަބަރު

ޖޫނިއަރ ކޮލެޖުން 2 ސްޓްރީމަކަށް ކިޔަވައިދޭނެ - ހަޔަރ އެޑިއުކޭޝަން މިނިސްޓަރ


ރާއްޖޭގެ 5 ސަރަހައްދެއްގައި ހުޅުވުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖުން ދެ ސްޓްރީމަކަށް ކިޔަވައިދެމުންދާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އެ ކޮލެޖުތަކުން ވޮކޭޝަނަލް މާއްދާތަކާއި އެކަޑަމިކް މާއްދާތައް ކިޔައިދޭނެކަމަށެވެ. ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕެލޭންގައިވެސް ވަނީ 2023ގެ ނިޔަލަށް 5 ޖުނިއަރ ކޮލެޖް ޤާއިމް ކުރުމަށް ނިންމާފައެވެ. މި ކޮލެޖުތަކަކީ ރާއްޖެއަށް މުޅިން އަލަށް ތަޢާރަފްވާ މޮޑެލްތަކެކެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ޙަސަން ވިދާޅުވީ މި ކޮލެޖްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ދެ ސްޓްރީމަކަށް ކަމަށެވެ. އެގޮތުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް މާއްދާތަކާއި އެކަޑަމިކް މާއްދާތަކުން އެ ދަރިވަރަކު ބޭނުންވާ ދާއިރާއަކުން އޭލެވެލް ފެންވަރަށް އިމްތިހާން ހެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ސެޓްފިކެޓް 4 ގެ ސަނަދު ހޯދުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ އެ ކޮލެޖުތަކުން ކިޔަވާ ދަރިވަރުންނަށް ޔުނިވަރސިތީތަކަށް ވަނުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިހާރު ކޮލެޖުތައް އަޅާނެ ސަރަހައްދުތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި ކޮލެޖުތައް ޤާއިމްކުރުމަށްފަހު އެ ސަރަޙައްދަކީ ވަކި ކަމަކަށް ޚާއްސަ ސަރަހައްދެއްނަމަ ކޮލެޖުތަކުން އެ ދާއިރާއަށް މީހުން ތަމްރީންކުރުމަށް އިސްކަމެއް ދެއްވާނެކަމަށެވެ.

މި ކޮލެޖުތަކުގައި ބޭރުގެ ތަފާތު ބަސްތައް ކިޔަވައިދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ކޮލެޖްގެ ކޮންސެޕްޓާއި މުޤައްރަރު ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައެވެ. އަދި އެ މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރު އެ މަސައްކަތް ފެށުމެވެ.

އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުން އެކުލަވާލެއްވި ބަޖެޓުގައި ވަނީ ހއ. ދިއްދޫއާއި ނ.ކެނދިކުޅުދޫގައި ޖުނިއަރ ކޮލެޖް ޤާއިމްކުރުމަށްޓަކައި މިއިން ކޮންމެ ރަށަކަށް އެއް މިލިޔަން ހަސަތޭކަ ހާސް ރުފިޔާ ވަނީ ކަނޑައަޅާފައެވެ.