ޚަބަރު

އެފްއޭއެމްގެ ކިޑްސް ފެސްޓިވަލަށް ޔާޔާ ޓޫރޭ


އެފްއޭއެމްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ކިޑްސް ފެސްޓިވަލްގެ ހާއްސަ މެހެމާނެއްގެ ގޮތުން އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ. އެފްއޭއެމްގެ އެކްސްކޯގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާޢްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ޔާޔާ ޓޫރޭ މާލެ އައުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

500އަށް ވުރެއް ގިނަ ކުދިން ބައިވެރިވާ ކިޑްސް ފެސްޓިވަލްގައި ޔާޔާ ޓޫރޭއާއިއެކު ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ކުދިންނަށް ލިބިގެންދާނެއެވެ. މި ފެސްޓިވަލް އޮންނާނީ މާދަމާ ހަވީރު 04:00 އިން 06:00 އަށެވެ. މި ފެސްޓިވަލް ކުރިޔަށްދާނީ ރަސްމީ ގަލޮޅު ފުޓްބޯޅަ ދަނޑުގައެވެ.

ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކާފައިވާ ޔާޔާ ޓޫރޭވަނީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު 4 ފަހަރު ހޯދާފައެވެ. ސްޕެއިންގެ ބާސެލޯނާ، އިގެރޭސިވިލާތުގެ މެންޗެންސްޓަރ ސިޓީ އަދި ޗައިނާގެ ދެވަނަ ޑިވިޝަންގެ ކުލަބެއްކަމަށްވާ ގިންޑާއޯއަށް ވެސް ޔާޔާ ޓޫރޭވަނީ ކުޅެފައެވެ.

ފީފާގެ ޑްރީމް ޓީމުގައި ވެސް ހިމެނިފައިވާ ޔާޔާ ޓޫރޭވަނީ ބީބީސީން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ދެ ފަހަރު ހޯދާފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަރޝިޕްގެ ދަށުން އެފްއޭއެމްއިންވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަޝްހޫރު ކުޅުންތެރިންތަކެއް ރާޢްޖެ ގެނެސްފައެވެ. އޭގެ ތެރޭގައި މަޝްހޫރު ކީޕަރ ޕީޓަ ޝްމައިކަލް، ރެއާލް މެޑްރިޑާއި ސްޕެއިނުގެ ޑިފެންޑަރު މިޝެލް ސަލްގާޑޯގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ޑްވައިޓް ޔޯކާއި އާއި ފްރާންސްގެ ޑިފެންޓަރ މާސެލް ޑެސައިލީ ހިމެނެއެވެ.