ޚަބަރު

ލާއިންސާނީ ޢާމަލުތަކާއި އަނިޔާވެރިކަމަށް ރާއްޖެއިން ތަރުޚީބު ނުދޭނެ - މަޖިލީހުގެ ރައީސް


ލާއިންސާނީ ޢާމަލުތަކާއި އަނިޔާވެރިކަން ހުއްޓުވުމަކީ ދިވެހިރާއްޖެއިން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އދ. ގެ ސްޕެޝަލް ރެޕަޓުއަރ ނިލްސް މެލްޒަރ އާއި ރައްޔިތުންގެ މަޖިލީހުގައި ބައްދަލުކުރައްވައި މަޖިލީހުގެ ރައީސްވަނީ އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ދިވެހިރާއްޖެއިން ޢަމަލުކުރަމުންދާ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ލާއިންސާނީ ޢާމަލުތަކާއި އަނިޔާވެރިކަން ހުއްޓުވުމަކީ ދިވެހިރާއްޖެއިން ބޮޑު އަހުމިއްޔަތުކަމެއް ދެއްވާކަމެއްކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އދ. ގެ އެކިއެކި ގުނަވަންތަކުން ރާއްޖެއަށް ވަމުންދާ އެހީތެރިކަން ފާހަގަކުރައްވާ މަޖިލީހުގެ ރައީސްވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި، އދ. ގެ ސްޕެޝަލް ރެޕަޓުއަރ ނިލްސް މެލްޒަރ، ވަނީ އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފުސީލު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ހިއްސާކުރައްވާފައެވެ. އަދި، ލާއިންސާނީ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށްޓަކައި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި އެކަމުގައި ދިމާވާ ގޮންޖެހުންތަކާމެދުވެސް ވަނީ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ބައިނަލްއަޤުވާމީ އުސޫލުތައް ތަންފީޒުކުރުމާ ގުޅޭގޮތުންވެސް ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާއި، އަމީން ޢާއްމު ފާޠިމަތު ނިޔުޝާއާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.