ވިޔަފާރި

ބިޒްނަސް އެވޯޑުގެ ޓައިޓަލް ޕާޓްނަރަކަށް މި ފަހަރުވެސް އެސްޓީއޯ


މިއަހަރުގެ ބިޒްނަސް އެވޯޑުގެވެސް ޓައިޓަލް ޕާޓްނަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ. މީ މި އެވޯޑްގެ ޓައިޓަލް އެސްޓީއޯއިން ސްޕޮންސަރ ކުރި ދެވަނަ ފަހަރުއެވެ.

ބިޒްނަސް އެވޯޑުގެ ޓައިޓަލް ޕާޓްނަރަކަށް އެސްޓީއޯ ހަމަޖެއްސުމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ އެގްޒެކެޓިވް ސެކެރެޓަރީ މަރިޔަމް ޕަރްވީނެވެ. އަދި ބިޒްނަސް އެވޯޑުގެ ފަރާތުން ސޮއިކުރެއްވީ މި އެވޯޑު ބާއްވާ ބްލޭޒަން އިންކްގެ ސީއީއޯ ހަސަން އަބްދުﷲ ހިލްމީއެވެ.

މިއަހަރުގެ މޯލްޑިވްސް ބިޒްނަސް އެވޯޑް ލޯންޗުކޮށްފައިވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އަމިއްލަ މާކެޓިން އެންޑް ޕީ.އާރު ކުންފުންޏެއްކަމަށްވާ ބްލޭޒަން އިންކުން ދޭ އެވޯޑެކެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިޤްތިސާދުގައި ހިމެނޭ އެކި އިންޑަސްޓްރީތަކުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށްދޭ އެވޯޑެކެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑުގެ ބޭނުމަކީ އެ ވިޔަފާރިތަކުން ޤައުމުގެ އިޤްތިސާދަށް އަންނަ ހެޔޮބަދަލާއި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެހެން ވިޔަފާރިތައް ތަރައްޤީވުމަށް ހިތްވަރު ދިނުންކަމަށް ބްލޭޒަން އިންކުން ބުނެއެވެ.

މިއަހަރުގެ ބިޒްނަސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިއަހަރުގެ ބިޒްނަސް އެވޯޑްގައި 5 ދާއިރާއަކުން 26 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބިޒްނަސް އެވޯޑްދޭ 2 ވަނަ އަހަރެވެ.