ތަޢުލީމު

މަތީ ތަޢްލީމްގެ ލޯނު އެހީގެ އިތުރު ފުރުޞަތުތަކެއް


އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި ، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ޚާއްޞަކޮށްގެން މަތީ ތަޢްލީމްގެ ލޯނު އެހީގެ ފުރުޞަތު ހުޅުވާލައިފިއެވެ.ސަރުކާރުގެ މަތީ ތަޢުލީމުގެ ވަޢުދުގެ ތެރެއިން މިހާރު ކިޔަވަމުންދާ ދަރިވަރުންނާއި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ހުޅުވާލާފައިވާ މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތަކީ މިއަހަރުގެ އޭޕްރީލް މަހު ގެ ފުރަތަމަ ބުރުގައި އިތުރުވެފައިވާ ސްލޮޓްތައް ކަމަށް ހަޔަރ އެޑިޔުކޭޝަނުން މައުލޫމާތުދެއެވެ.ސްކިލްސް ޝޯޓޭޖް ލިސްޓް ގައި ހިމެނޭ ދާއިރާގެ ކޯހެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް  ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ ތިރީސް ފަސްހާހާއި އެއްލަކަ ރުފިޔާ އާއި ދެމެދުގެ އަދަދަކަށެވެ.މި ލޯނަށް ޖުމުލަ 70 ދަރިވަރަކަށް ފުރުޞަތު ހުޅުވާލާފައިވެއެވެ. އެއީ ރާއްޖެއިން ބޭރުގައިކިޔެވުމަށް 20 ފުރުޞަތާއި ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންނަށް ހުޅުވާލި 50 ފުރުސަތެވެ.ކިޔަވަމުންދާ ދަރިވަރެއް ކަމަށް ބަލާނީ 1 ޖޫން 2015 ގެ ކުރިން ކިޔެވުން ފެށިފައިވާ ދަރިވަރުން ކަމަށް ހަޔަރ އެޑިޔުކޭޝަނުން މައުލޫމާތުދެއެވެ.އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ދޫކުރާ ލޯންތަކުގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް ސާޅީސް ތިން ފުރުޞަތާއި ރާއްޖެއިން ބޭރުގައި ކިޔެވުމަށް ފަންސާސް ފަސް ފުރުޞަތެވެ.ރާއްޖެއިން ބޭރަށް ކިޔަވަން ދެވެނީ ސާރކްގެ ޤައުމުތަކަށް ޑިގްރީ އަދި މާސްޓަރސް ފެންވަރަށް ކިޔެވުމަށެވެ.މި ލޯނަށް ޖުލައިމަހުގެ އެކާވީސް ވަނަ ދުވަހާއި ހަމައަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.އޭޕްރީލް މަހުގެ ފުރަތަމަ ބުރުގައި ދުއިސައްތަ އަށް ވުރެ ގިނަ ދަރިވަރުންނަށް މިހާރު ވަނީ ލޯން ދޫކޮށްފައެވެ.