ޚަބަރު

ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިތުރު 6 ކުންފުންޏަކަށް ދީފި


ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިތުރު 6 ކުންފުންޏަކަށް ދީފިއެވެ. އިސްލާމިކް މިނިސްޓްރީން މި ކުންފުނިތަކަށް ހުއްދަދީފައި މިވަނީ އުމްރާގެ އުސޫލަށް މިދިޔަ މަހުގެ 6 ވަނަ ދުވަހު ގެނައި އިސްލާހުތަކަށް ފަހުގައެވެ. މި ކުންފުނިތަކަށްވެސް ހުއްދަ ދީފައިވަނީ ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލުގައިވާގޮތަށް ދެ އަހަރުދުވަހުގެ މުއްދަތަކަށެވެ.

ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަދީފައިވާ ކުންފުނިތަކަކީ :

  • ޢަރަފާތު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް
  • ނިމްސާ އަލް ޙައްޖު ވަލް ޢުމްރާ
  • ޤާފިލާ ޙައްޖު އެންޑް ޢުމްރާ
  • އަލް މަޝްޢަރު ޙައްޖު އެންޑް ޢުމްރާ
  • އަލް ބްރޫޖް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  • އަސްކޮއި ޙައްޖު އެންޑް ޢުމްރާ އަށެވެ.

އިސްލާމިކް މިނިސްޓްރީން މިއަހަރުގެތެރޭގައި ވަނީ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ 25 ކުންފުންޏަކަށް ދީފައެވެ.

ފަހުން އެކުލަވާލި އުޞޫލްގައި ވާގޮތުން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދެވޭނީ އެކަމަށް އެދޭ ކުންފުނީގެ ޑިރެކްޓަރެއްގެ މައްޗަށް އެކަމަށް އެދޭ ދުވަހުން ފެށިގެން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައި ނުވާނަމައެވެ. އަދި ޢުމްރާއަށް މީހުން ގެންދަން ހުއްދަ ދޭ ފަހުން ކުންފުނީގެ ޑިރެކްޓަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ، އެކަމެއްގެ ކުޑަބޮޑު މިނަށް ބަލައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ޝަރުތުތަކެއް އެ ކުންފުންޏަކުން ފުރިހަމަ ކުރަން ޖެހޭ ގޮތަށްވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ. އެ ޝަރުތުތައް ފުރިހަމަ ނުކޮށްފިނަމަ އެ ކުންފުންޏަކަށް ދޫކުރި ހުއްދަ ބާޠިލް ކުރެވޭނެ ކަމަށްވެސް އެ އުސޫލަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އައު ޤަވާއިދުގަިއވާގޮތުން އުމްރާއަށް މީހުން ގެންދަން ހުއްދަ ދޭތާ 15 ދުވަހުގެ ތެރޭގައި އެ ކުންފުންޏެއްގެ އޮފީސް ހުޅުވަންޖެހެއެވެ. އަދި ކުރިން އުސޫލު އޮތްގޮތުން ކުންފުނިތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަނީ ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި އިސްލާމިކް މިނިސްޓްރީ ހިމެނޭ ގޮތަށް ފަސް މެމްބަރުންގެ ކޮމެޓީއަކުންނެވެ. ނަމަވެސް މިހާރު ގެނެސްފައިވާ އިސްލާހުގައިވާގޮތުން ޕްރޮޕޯސަލްތައް ޗެކް ކުރާނީ އިސްލާމިކް މިނިސްޓްރީންނެވެ.

މީގެ އިތުރުން ޢުމްރާއަށް ގެންދިޔުމުގެ ޙުއްދަ ލިބުމާއެކު "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ދަފުތަރު" ގައި ރަޖިސްޓަރީކޮށް ފީގެ ގޮތުގައި ފަންސަވީސް ހާސް ރުފިޔާ ދައްކާގޮތަށްވެސްވަނީ ކަނޑައަޅާފައެވެ.