ތިމާވެށި

ރާއްޖޭގެ ހަކަތައިގެ ދާއިރާ މެކުހަށް



ކަރަންޓު އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އަދި މި ސިޔާސަތު ތަންފީޒުކޮށް، ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

ހަކަތައިގެ ދާއިރާއިން ކޮށްފައިވާ މުހިއްމު މަސައްކަތްތަކަށް ބަލާލާއިރު:


ހއ. އަތޮޅުގެ 14 ރަށެއްގައި 2.3 މެގަވޮޓުގެ ސޯލާ ޕެނަލް ހަރުކޮށް 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ އެރަށްރަށުގެ ގްރިޑަށް ގުޅާލެވިފައެވެ. އަދި ށ، ނ މި ދެއަތޮޅުގެ 26 ރަށެއްގައި 4.3 މެގަވޮޓުގެ ސޯލާ ޕެނަލްހަރުކޮށް 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ އެރަށްރަށުގެ ގްރިޑަށް ގުޅާލެވިފައެވެ.

15 އަތޮޅެއްގައި ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމް މެދުވެރިކޮށް ކަރަންޓު އުފެއްދުމަށް ހަދަންޖެހޭ ޓެކްނިކަލް ސަރވޭ، ޑިޒައިނިންގ އާއި ފީސިބިލިޓީގެ ސްޓަޑީގެ މަސައްކަތްވަނީ ނިމިފައެވެ. އެ 15 އަތޮޅަކީ: ހދ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ގއ، ގދ އަތޮޅު އަދި އައްޑޫ ސިޓީ ހުޅުމީދޫއެވެ. މިރަށްރަށުގައި ސޯލާ ޕެނަލްހަރުކޮށްގެން ކަރަންޓު އުފެއްދުމަށް މިއަހަރުގެ ފަހުކޮޅުގައާއި، 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ބީލަން ހުޅުވާލެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިރަށްރަށުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް އިތުރަށް ފައިސާ ބޭނުންވާތީ، ވޭތުވެ ދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީގެ ގޮތުގައި 10 މިލިއަން އެމެރިކާ ޑޮލަރާއި، އީޔޫގެ ހިލޭ އެހީގެ ގޮތުގައި 5 މިލިއަން ޔޫރޯވެސް ވަނީ ހޯދާފައެވެ. އަދި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމަށާއި ކަރަންޓު ފޯރުކޮށްދިނުން ޔަޤީންކުރުމަށް އިތުރު 100 މިލިއަން އެމެރިކާ ޑޮލަރު އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިންވަނީ ހަމަޖެހިފައެވެ.


މާލޭ ސަރަހައްދުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭ ރިންގް ރޯޑުގައި 5 މެގަވޮޓުގެ ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް މިއަހަރުތެރޭ އިޢުލާނުކޮށް، އެމަސައްކަތްކުރާނެ ފަރާތެއްކަނޑައަޅާފައިވާއިރު، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ހދ.ކުޅުދުއްފުށި، ބ.އޭދަފުށި، ޅ.ހިންނަވަރު، ގދ.ތިނަދޫ ގައި 21 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ޤާއިމުކުރުމަށް ހަދަންޖެހޭ ދިރާސާ ހަދައި ބީލަން ކުރުމަށްވަނީ ތައްޔާރުވެފައެވެ.

އުކާލެވޭ ކުނިބުނި ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީގައި 1.5 މެގަވޮޓުގެ ކަރަންޓު އުފެއްދުމަށް ރާވާފައިއޮތް މަސައްކަތްތައް ހުއްޓިފައިވަނިކޮށް، އެމަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުންވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. އަދި ތިލަފުށީގައި ޤާއިމުކުރުމަށް ރާވާފައިވާ 8 މެގަވޮޓުގެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓުގެ މަސައްކަތްތައްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

އެނަރޖީ އެފިޝަންޓް އާލާތްތަކަށް އާއްމުން ހޭލުންތެރިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކޮންމެ ގޭބިސީއަކަށް ދެ އެލް.އީ.ޑީ ބޮކި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، ވޭތުވެ ދިޔަ 1 އަހަރު ދުވަހުގެ ތެރޭގައިވަނީ 200,000 އެލް.އީ.ޑީ ބޮކި ފޯރުކޮށްދީފައެވެ. އަދި މާލޭގެ މަގުތަކުގައި ބޭނުންކުރަމުންދިޔަ މަގު ބައްތިތައް އެނަރޖީ އެފިޝަންޓް މަގުބައްތިއަށް ވަނީ ބަދަލުކޮށްފައެވެ.

ހަކަތައިގެ ދާއިރާގެ ހިންގުމުގެ އޮނިގަނޑު ވަރުގަދަ ކުރުން:


ހަކަތައިގެ ދާއިރާގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ހަކަތައިގެ ބިލެއް ފުރަތަމަ ފަހަރަށް އެކުލަވާލައި އެބިލު މިހާރުވާނީ އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. އަދި ނެޓް މީޓަރިންގ ރެގިއުލޭޝަންގެ ދަށުން އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ލުއި ފަސޭހަ ކުރުމަށްޓަކައި މިހާރު ޢަމަލުކުރަމުންދާ ނެޓް މީޓަރިން ރެގިއުލޭޝަނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް އެ ރެގިއުލޭޝަން ޑިސެމްބަރުމަހުގެ ތެރޭގައި ގެޒެޓްކުރެވިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން އިލެކްޓަރީޝަނުންނާއި، އިންޖިނިއަރުންނަށް ލައިސަންސް ދިނުމުގައި މިހާރަށްވުރެ ހަރުދަނާގޮތަކަށް ކަންކަން ކުރިއަށްގެންދިއުމަށް ހަދަންޖެހޭ ރެގިއުލޭޝަންތައް ޑްރާފްޓްކޮށް، އެ ރެގިއުލޭޝަންތައް އަންނަ އަހަރު ކުރީކޮޅުގައި ގެޒެޓްކުރެވިގެންދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޔުޓިލީތަކަކީ ރެގިއުލޭޓު ކުރެވިގެން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދާ ތަންތަން ކަމުގައި ހެދުމަށް ޔުޓިލިޓީ އިންވެސްޓްމަންޓް އެޕްރޫވަލް ރެގިއުލޭޝަން ތައްޔާރުކުރެވި އަންނަ އަހަރު ކުރީކޮޅުގައި ގެޒެޓުކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

24 ގަޑިއިރު ކަރަންޓު ޔަޤީންކުރުމުގެ ވަޢުދު:


2020 ވަނަ އަހަރު މާލެއަށް އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ދުވަސްވަރާ ދިމާކޮށް ކަރަންޓަށް ޖެހުން ހައްލުކުރުމަށްޓަކައި 8 މެގަވޮޓުގެ ޖެނެރޭޓިންގ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ޖެނެރޭޓަރުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅާލުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، އެ މަސައްކަތް 2020 ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން ނިންމާލެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން އައްޑު ސިޓީގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 20 މެގަ ވޮޓްގެ އިންޖީނުގެ އަދި ކޭބަލް ނެޓްވާރކް ރަނގަޅުކުރުމުގެ މަސައްކަތް ވަނީ މިއަހަރުގެ ތެރޭގައި ފެނަކަ ކޯޕަރރޭޝަނުން ކޮންޓެރެކްޓް ކޮށްފައެވެ.

ވޭތުވެ ދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ކަރަންޓު ފޯރުކޮށްދިނުމުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޚިދުމަތްދޭ ކުންފުނިތަކުން 58 ރަށަކަށް 59 އައު ޖަނެރޭޓަރު ސެޓު ގެންގޮސް ޚިދުމަތްދޭން ވަނީ ފަށާފައެވެ. އަދި ރަށްރަށުގައި ޤާއިމުކޮށްފައިވާ އިންޖީނުގެތަކަކީ ރަނގަޅު ފެންވަރުގެ އިންޖީނުގެތަކަކަށް ހެދުމަށް 23 އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ވޭތުވެ ދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ކަރަންޓު އަގު ހޮޔޮ ކުރުން:


އަސާސީ ޚިދުމަތްތައް ދިނުމުގައި، މާލެއާއި އެހެން ރަށްރަށާ ދެމެދު ހުރި ފަރަޤު ނައްތާލުމުގެ ސިޔާސަތުގެ ދަށުންނާއި ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން މި އަހަރުގެ މާޗު 1 ވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ވަނީ ހެޔޮކޮށްފައެވެ. ކަރަންޓުގެ އަގު ހެޔޮކޮށްފައިވަނީ، ތިން ބަޔަކަށް ބަހާލައިގެންނެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ، ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގުގެ ފަރަޤު ވަނީ ނައްތާލާފައެވެ. މި ބަދަލާއެކު، ކަރަންޓު އަގު ކުރުމުގައި، ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަޤު ނައްތާލެވި، މާލޭގައި ކަރަންޓަށް ނަގާ އަގާއި، އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު ވަނީ އެއްގޮތްވެފައެވެ.

ކަރަންޓުގެ އަގަށް މި ގެނައި ހެޔޮ ބަދަލުގެ ތެރޭގައި، އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައްވެސް، ވަނީ އެއްހަމަ ކޮށްފައެވެ. އެގޮތުން އައްޑުއާއި ފުވައްމުލަކުގެ ބިޒްނަސް ކެޓަގަރީގެ ރޭޓުތަކާ އެއްވަރަށް، އެހެން ރަށްރަށުގެ ބިޒްނަސް ކެޓަގަރީގެ އަގުތައްވެސް ވާނީ ކުޑަކުކޮށްފައެވެ. މި ބަދަލު ގެނައުމުން ރަށްރަށުގައި، ވިޔަފާރިތަކުން ކަރަންޓު ބިލަށް ދައްކަންޖެހޭ މިންވަރު ކުޑަވެ، ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މަންފާ، ސީދާ ރައްޔިތުންނަށް ލިބެމުންދާކަން ސަރުކާރުން ފާހަގަކުރައްވައެވެ. އަދި ވިޔަފާރިތަކުން ހަކަތައަށް ކުރަންޖެހޭ ހޭދަ ކުޑަވެ، ލިބޭ ފައިދާ އިތުރުވެ، ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް ފުރުޞަތު ހުޅުވިފައިވާކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.