ކުޅިވަރު

ލައުޓާރޯ މާޓިނޭޒަށް ބާސެލޯނާއިން ފާރަލަނީ


އިންޓަމިލާނުގެ އާޖެންޓީނާ ފޯވާޑް ލައުޓާރޯ މާޓިނޭޒް ގަތުމަށް ބާސެލޯނާއިން ޝައުގުވެރިވާކަން އެކުލަބުން ބުނެފި އެވެ.

ބާސެލޯނާގެ ޓެކްނިކަލް ޑައިރެކްޓަރު އެރިކް އަބިދާލް ބުނީ އާޖެންޓީނާގެ 22 އަހަރުގެ ފޯވަޑަކީ ބާސެލޯނާއިން ޝައުގުވެރިވާ އަދި މޮނިޓަރ ކުރަމުން އަންނަ ކުޅުންތެރިއެއް ކަމަށެވެ.

ސްޕޭނުގެ މީޑިޔާތަކުން ބުނާ ގޮތުގައި މި ސީޒަނުގައި އިންޓަމިލާނުގައި މޮޅަށް ކުޅެމުން އަންނަ މާޓިނޭޒް ގެންނަން ބާސެލޯނާއިން ބޭނުންވަނީ އެ ޓީމަށް ކުޅޭ ލުއިސް ސުއަރޭޒްގެ ބަދަލެއްގެ ގޮތުގައެވެ.

އުމުރުން މިހާރު 33 އަހަރުގެ ފޯވަޑް ސުއަރޭޒްގެ ބަދަލުގައި އާ ފޯވަޑަކު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ސުއަރޭޒް ގާތުގައި ވެސް ބާސެލޯނާއިން ވަނީ ބުނެފަ އެވެ.
"އަހަރެން ނުބުނާނަން އޭނާ އެކަން ބަލައިނުގަންނަ ކަމަށް. އަހަރުމެން އެޓޭކް ވަރުގަދަ ކުރަން ކުޅުންތެރިއަކު ހޯދަމުންދާ ވާހަކަ އަހަރެން އޭނާ ގާތުގައި މިދިޔަ އަހަރު ބުނިން. އޭނާ އެކަން ގަބޫލުކުރޭ. އެއީ އޭނާ ވެސް ޓީމަށް އެންމެ ފާއިދާހުރިގޮތް ގަބޫލުކުރާތީވެ،" އަބިދާލް ބުންޏެވެ.

ދާދި ފަހުން ސުއަރޭޒް ވަނީ އަންނަ ސީޒަނުގައި އޭނާ ބާސެލޯނާއިން ނުފެނުން އެކަށީގެންވާ ކަމަށް ނުސީދާކޮށް ބުނެފަ އެވެ. އޭނާ ބުނެފައިވަނީ ކޮންމެ ތިން އަހަރަކުން ބާސެލޯނާގެ ޓީމަށް ބޮޑު ބަދަލެއް އަންނަ ކަމަށާއި އޭނާ އަށް މިހާރު ފަސް އަހަރު އެކުލަބުގައި ހުރެވިއްޖެ ކަމަށެވެ. މިހެންވެ ކުރިމަގާމެދު ވަކިއެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.