ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ބީޗް ގޭމްސް ކާމިޔާބުކަމާއެކު ނިންމާލައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ބީޗް ގޭމްސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކުޅުދުއްފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑަބްލިޔު އެސްއޭއިން އިންތިޒާމުކޮށްގެން ބާއްވި ބާދުޝާހު ޑަބްލިއުސްއޭ ބީޗް ގޭމްސްގައި 4 ކުޅިވަރެއްގައި ވާދަކޮށްފައިވެއެވެ. އެއީ ތްރީ އޮން ތްރީ ބާސްކެޓާއި، ބީޗް ހޭންޑް ބޯލާއި ބީޗް ވޮލީ ބޯލް އަދި ނެޓްބޯލް އެވެ. މީގެއިތުރުން ރާއްޖޭގައިފުރަތަމަ ފަހަރަށް އެއަރ ބެޑްމިންޓަންވެސް މި ގޭމްސްގެ ތެރެއިންވަނީ ތަޢާރަފް ކުރެވިފައެވެ.
ބީޗް ވޮލީގެ ޗެންޕިއަންކަން ހޯދާފައިވަނީ ކޭއެސްޔޫ. ކޭއެސްޔޫ މިމުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ނިއު އޭގްއާއި ވާދަކޮށް ސީދާ 2 ސެޓްއިން މެޗް ކާމިޔާބުކޮށްގެން. އެއީ 21-18 އަދި 21-13އިންނެވެ. ބީޗް ހޭންޑް ބޯލްގެ ފިރިހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ އެލީޓް. އެލީޓް މިބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ ނިއު އޭގް ސްޕޯޓްސް ކުލަބްއާއި ވާދަކޮށް 25 ޕޮއިންޓް 21 ޕޮއިންޓްއިން މެޗް ކާމިޔާބުކޮށްގެންނެވެ. ބީޗް ހޭންޑްބޯލް އަންހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ ޓީމް ގޮއްޔެ. ޓީމް ގޮއްޔެ މިބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ 11 ޕޮއިންޓް 2 ޕޮއިންޓްއިން މެޗް ކާމިޔާބުކޮށްގެންނެވެ. 

3 އޮން 3 ބާސްކެޓް 14 އަހަރުން ދަށުގެ އަންހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ އޯކިޓް. އޯކިޓް 14 އަހަރުން ދަށުގެ އަންހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ ހޯކްސްއާއި ވާދަކޮށް ތިނެއް ސުމަކުންނެވެ. މިއުމުރުފުރާގެ ފިރިހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ އަޒްޓީ ވައިޕާސް. އަޒްޓީ މިބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ ފަހެއް ސުމަކުންނެވެ. ބީޗް ނެޓްބޯލްގެ ޗެންޕިއަންކަން ހޯދާފައިވަނީ ޓީމް ގޮއްޔެއެވެ. ޓީމް ގޮއްޔެ މިބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ ޓީމް 5 އާއި ވާދަކޮށް 6 ޕޮއިންޓް 9 ޕޮއިންޓްއިން މެޗް ކާމިޔާބުކޮށްގެންނެވެ. ބީޗް ނެޓްބޯޅައިގެ ޗެންޕިއަންކަން ޓީމް ގޮއްޔެ ހޯދުމާއިއެކު ޓީމް ގޮއްޔެވަނީ ރެޑްބޫލްގެ ފަރާތުން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ނެޓްބޯލް ސުއިޖަޕް މުބާރާތަށް ކޮލިފައިވެފައެވެ.

500އަށް ވުރެއް ގިނަ އެތްލީޓުން ބައިވެރިވި މި ބީޗް ގޭމްސްގައި 107 މެޗް ކުޅުފައިވެއެވެ. ކުޅުދުއްފުށީގައި ކުރިޔަށްދިޔަ މި ގޭމްސްގެ މެޗްތައް ކުރިއަށްދިޔައީ ކޮންމެ ދުވަހަކު ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅީގެ މެޗްތައް ކުރިޔަށްދިޔައީ ހެނދުނު 06:30 ފެށިގެން 09:00 އަށެވެ. އަދި މެންދުރުގެ ދަންފަޅި ކުރިޔަށްދާނީ ހަވީރު 03:30 ފެށިގެން އިރުއޮއްސި 06:00 އަށެވެ. ގޭމްސް ކުރިއަށް ގޮސްފައިވަނީ ކުޅުދުއްފުށީ ހިއްކި ސަރަހައްދުގައެވެ.