ޚަބަރު

ޤައުމުގެ ހުރިހާ ދިމާއަކުން ފެންނަނީ ތަރައްޤީއަށް މިސްރާބު ޖަހާފައިވާ މަންޒަރު - އެމްއާރުއެމް


ޤައުމުގެ ހުރިހާ ދިމާއަކުންވެސް ފެންނަމުންދަނީ، ކުރިން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޤައުމު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެ ތަރައްޤީއަށް މިސްރާބު ޖަހާފައިވާ މަންޒަރު ކަމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގެން، ކޯލިޝަން ސަރުކާރެއްއުފެއްދެވިތާ އެއް އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ތަރައްޤީގެ އެކިއެކި މަޝްރޫއުތަކުގައި ރާއްޖޭގެ ރަށްތައް އިސްތިސްނާ ކުރުމެއް ނެތި ހިމަނުއްވާފައިވާކަން، ރާއްޖޭގެ ރައްޔިތުން ބަލައިގަންނަނީ އުފަލާ އެކުގައިކަމަށެވެ.

ރާއްޖެއާއި ބޭރުދުނިޔެއާ ދެމެދު އުފެދިފައިވާ ގުޅުން ހީނަރުވެފައިވަނިކޮށް އެގުޅުން އިތުރަށް ވަރުގަދަވަމުންދާ މަންޒަރު މިއަދު ފެންނަމުންދާކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ. އަދި ސަރަހައްދީ ޤައުމު ތަކާއިމެދު އެކުވެރި ގުޅުމެއް ބާއްވަމުން ބައިނަލްއަޤްވާމީ ދުނިޔެއަށް ރާއްޖެ ހުޅުވާލެއްވުމާއި ދިވެހިންނަށް އިތުރު ފަސޭހަތަކެއް ހޯއްދައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ކުރެވިފައިވާކަމަށްވެސް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ކާމިޔާބުކަމާއެކު ސަރުކާރު ހިންގެވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކުރައްވަމުން ގެންދަވާ ކޮންމެ މަސައްކަތްޕުޅެއްގައި އެމްއާރުއެމްގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު އަބަދުމެ ލިބިވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެޕާޓީންވަނީ ދީފައެވެ.