ތިމާވެށި

އާ ސަރުކާރުކާރަށް 1 އަހަރު: ތިމާވެށި ހިމާޔަތްކުރުމުގެ ރޮނގުން ނަމޫނާ މަސައްކަތްތަކެއް


ރާއްޖޭގެ ގުދުރަތީ ވެށި ހިމާޔަތްކޮށް، ތިމާވެއްޓަށް ގެއްލުންނުވާނޭހެން ތަރައްޤީގެ މަޝްރޫޢަށް ކުރިއަށްގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތެވެ. ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތަކާއި ތަރިކަ ދެމެހެއްޓެނިވި އަދި ތިމާވެއްޓާއި ރައްޓެހި އުސޫލަކުން މެނުވީ ބޭނުންނުކުރުމަށް ބާރުއެޅުމުގެގޮތުން އަދުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ރައީސް ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ތިމާވެށީގެ ދާއިރާއިން ފުއްދުމަށް ކަނޑައަޅާފައިވާ ވަޢުދުތަކާއި، މިއަހަރުގެ ތެރޭގައި ތިމާވެށީގެ ރޮނގުން ސަރުކާރުން ކުރުމަށް ނިންމާފައިވާކަންކަން ތަންފީޒުކުރުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ސަރުކާރުން ވަނީ ކުރައްވާފައެވެ.

ބޮޑު ތިލަދުންމަތިން 14 ސަރަޙައްދަދެއް ހިމާޔަތްކުރުން:

ތިމާވެށި ހިމާޔަތްކުރުމަށް ކުރެއްވި މަސައްކަތްތަކަށް ބަލާއިރު، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ހިމެނޭގޮތަށް ތިމާވެށީގެގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވާފައިވާ ނިންމެވުން ތަންފީޛުކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން މި އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ބޮޑު ތިލަދުންމަތިން 14 ސަރަޙައްދެއް ހިމާޔަތްކޮށްފައެވެ. މި ސަރަޙައްދުތަކުގެ ޖުމްލަ ބޮޑުމިނަކީ 8854.38 ހެކްޓަރެވެ.

ހިމާޔަތްކުރެވުނު ސަރަޙައްދުތަކުގެ ތެރޭގައި ހދ ކޭލަކުނާއި، އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދާއި، އެއަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި، ހއ. ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދު ހިމެނެއެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމުގެގޮތުން ކުރު މުއްދަތެއްގެ ތެރޭގައި މިހާތަނަށް ރާއްޖޭގައި ކުރެވުނު އެންމެ މުހިއްމު މަސައްކަތެވެ.

މީގެ އިތުރުން، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަކީ ޔުނެސްކޯ ބަރޮސްފިއަރ ރިޒާވެއްގެ ލަގަބު ލިބިފައިވާ އަތޮޅުތަކަށް ހެދުމަށް "ނޮމިނޭޝަން ޑޮސިއާ" ތައްޔާރުކޮށް ޔުނެސްކޯއަށް މިއަހަރުގެ ތެރޭގައި ވަނީ ފޮނުވާފައެވެ. ބައިނަލްއަޤްވާމީގޮތުން ފާހަގަކުރެވޭ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވްގެ ލަގަބު އައްޑޫއާއި ފުވައްމުލަކަށް ލިބުމުން އިޤްތިޞާދީ އަދި އިޖްތިމާޢީ ފައިދާތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ސައުތު އަރިއަތޮޅު މެރިން ޕްރޮޓެކްޓެޑް އޭރިއާގެ މެނޭޖްމަންޓް ރެޖީމެއް އެކުލަވާލާ، އެ ސަރަޙައްދުތަކުގައި ރޭންޖަރސް ތިބެގެން ބެލެހެއްޓޭނެ އިންތިޒާމްވެސް މިއަހަރުގެ ތެރޭގައި ވަނީ ހަމަޖައްސާފައެވެ. 1995 އިން ފެށިގެން 2018 ގެ ނިޔަލަށް ފާއިތުވި 24 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހިމާޔަތްކޮށްފައިވަނީ 47 ސަރަޙައްދެވެ.

އީ.ޕީ.އޭގެ ޤާނޫނީ ބާރުވެރިކަން އިތުރުކުރުން:

ތިމަވެށި ހިމަޔަތް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭ ބާރުވެރިކުރުވުމުގެ ގޮތުން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް، އީ.އައި.އޭ ހެދުމުގެ ޒިންމާތައް، ޓޫރިޒަމް މިނިސްޓްރީން ވަކިކޮށް، 20 ޑިސެމްބަރ 2018 ވަނަ ދުވަހު އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.

މި ބަދަލާގުޅިގެން ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދަށް އިސްލާހުގެނެސް، ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކުރާ ސަރަހައްދުގައި އެތަނެއްގެ ވެއްޓަށް ދާއިމީ ބަދަލެއް އަންނާނެފަދަ މަސައްކަތެއް ކުރުމުގެ ކުރިން ހަދައި ފާސްކުރަންޖެހޭ އީ.އައި.އޭ ފާސްކުރުމުގެ ބާރު 27 ޑިސެމްބަރ 2018 ވަނަ ދުވަހު އަލުން ވަނީ އީ.ޕީ.އޭއަށް ދީފައެވެ.

މީގެ ސަބަބުން ތަރައްޤީގެ މަޝްރޫއުތައް ހިންގާއިރު ތިމާވެއްޓަށް ކުރާނެ އަސަރުތަކަށް ރިޢާޔަތްކުރެވި، އެކަމަށް ހައްލުތައް ހޯދައި އެ ހައްލުތަކާއެކު މަޝްރޫއުތައް ކުރިއަށް ގެންދާނެ ފްރޭމްވާރކްތައް ރޭވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ތިމާވެށްޓާ ގުޅުންހުރި މަސައްކަތްތަކާ ގުޅިގެން ހިންގޭ ކޮރަޕްޝަނާއި ނުފޫޒު ބޭނުންކުރުމުގެ މަގުތައް ބަންދުކުރުމަށް ބާރުއެޅިގެންގޮސްފައިވާކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

ޕްލާސްޓިކް ފުޅިއާއި ކޮތަޅާއި ދެކޮޅަށް ޤާއުމީ ބޮޑު ކެމްޕޭނެއް ފެށުން:

ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަކީވެސް ރައީސް ޞާލިޙުގެ މުހިއްމު ސިޔާސަތެކެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ރާއްޖޭގައި މުޅިން ހުއްޓާލުމަކީ ސަރުކާރުގެ އަމާޒެކެވެ.

މިކަމަށް ބާރުއެޅުމުގެގޮތުން މިއަހަރު ގްރޭޑް 1 ގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ރީފިލްކުރެވޭ 9000 'ސުޕަރ ފެންފުޅި' ވަނީ ބަހާފައެވެ. މި ފުޅިތައް ބަހާފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީ އާއި ޔުނިސެފް ގުޅިގެންނެވެ.

މީގެ އިތުރުން ޔުނިސެފުން ހަދިޔާކޮށްފައިވާ 5000 ކޮތަޅުގެ ތެރެއިން 1530 ކޮތަޅު 4 ރަށަކަށް ވަނީ ހަދިޔާކޮށްފައެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމަނައިގެން، ޕްލާސްޓިކް ފުޅިއާއި ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ޤައުމީ ކެމްޕެއިން ސަރުކާރުން ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ފަށާފައެވެ. މި ކެމްޕެއިނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ ބައެއް އިދާރާތަކާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންވެސް ވަނީ މި ކެމްޕެއިނުގައި ބައިވެރިވެ، ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލާފައެވެ.

މިއީ ސިންގަލްޔޫސް ޕްލާސްޓީކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ކޮތަޅާއި ފުޅި ކުނީގެ ގޮތުގައި ގޮނޑުދޮއްތަކާއި، ފަރުތަކާއި އަދި ކަނޑަށް އެޅުން ހުއްޓުވުމަށް އާއްމުންނަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ. އަދި މިކަމުގެ ސަބަބުން، ކަނޑުފަޅުގެ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށާއި، ކުނީގެ ގޮތުގައި މަގުމައްޗަށާއި ކުނިގޮނޑުގައި އަންދަންޖެހޭ ޕްލާސްޓިކްގެ އަދަދު މަދުކުރުމުގައި އާއްމުން ހޭލުންތެރިވަމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ.

މޫސުމީ ބަދަލުތަކާދެކޮޅަށް ވަކާލާތުކުރުމުގައި ރާއްޖެ އެންމެ ކުރީ ސަފުގައި:

ތިމާވެށްޓާއި ގުޅުންހުރި މައްސަލަތައް، ވަކިން ޙާއްސަކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްގެންދިޔަ އދ.ގެ 74 ވަނަ އާއްމު މަޖިލީހުގައި މޫސުމީ ބަދަލުތަކާދެކޮޅަށް ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަޤްރީރްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މިހާތަނަށްވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނުވާކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާ ދުނިޔޭގެ ޤައުމުތަކުގެ ސަމާލުކަމަށް އެކަން ވަނީ ގެންނަވާފައެވެ.

އދ.ގެ އާއްމު މަޖިލީހުގައި ބޭއްވުނު ތިމާވެއްޓާ ގުޅުންހުރި ތަފާތު ސެޝަންތަކުގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާއިރު، ރާއްޖޭގެ ފަރާތުން މުހިއްމު ހުށަހެޅުންތަކެއް މި ބައްދަލުވުންތަކުގައި ހުށަހަޅާފައިވެއެވެ. އެގޮތުން އދ.ގެ ކްލައިމެޓް އެކްޝަން ސަމިޓާއި، ބްލޫ ލީޑަރސް ކޯލް ޓު އެކްޝަން އޮން އޯޝަން އެންޑް ކްލައިމެޓް ސަމިޓާއި، ސެމޯއާ ޕާތްވޭގެ ހައި-ލެވެލް ރިވިއު ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ތިމާވެށްޓާ ގުޅުންހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވެއެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުދި ޖަޒީރާ ޤައުމުތަކުން މިހާރުން މިހާރަށްވެސް އަޅަންޖެހޭކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ އިޔާދަ ނުކުރެވޭފަދަ ގެއްލުންތަކުގެ މައްސަލައާއި ކުރިމަތިލާނެ ގޮތްތަކާއި މިކަމަށް ޙައްލު ހޯދުމުގެ މައްޗަށާއި، މުސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ލިބެންޖެހޭ ފައިސާގެ ވަސީލަތްތައް ލަސްވުމެއްނެތި ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ދިވެހިރާއްޖެއިން ވަނީ މި ބައްދަލުވުންތަކުގައި ގޮވާލާފައެވެ.