ކުޅިވަރު

ރާއްޖެއަށް ރިހި މެޑަލް، ތާރީޚީ ކާމިޔާބީއެއް!


އޭވީސީ ސެންޓްރަލް ޒޯން ސީނިއާ އަންހެން ވޯލީބޯޅަ މުބާރާތުން ރިހި މެޑަލް ހޯދައި ގައުމީ އަންހެން ވޮލީބޯޅަ ޓީމް ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.

މިއީ ރާއްޖޭގެ ވޮލީބޯޅައިގެ ތާރީޚުއިވެސް ބައިނަލްއަގްވާމީ މުބާރާތަކުން ގައުމީ އަންހެން ޓީމް ރިހި މެޑަލް ހޯދި ފުރަތަމަ ފަހަރެއެވެ. ރާއްޖެއިން މިމުބާރާތަށް ކުރިމަތިލީވެސް ރިހި މެޑަލްއަށް އަމާޒުކޮށްގެންނެވެ.

ރާއްޖެއަށް މުބާރާތުން ދެވަނަ ލިބުނީ ބަންގްލަދޭޝްގައި ކުޅުނު ފައިނަލް މެޗުން ސީދާ ތިން ސެޓުން ނޭޕާލް އަތުން ބަލިވުމުންނެވެ.

ފައިނަލް މެޗުގެ ކުޅުން ރާއްޖެއިން ފަށައިގަތީ ރަނގަޅުކޮށެވެ. އެގޮތުން މެޗުގެ ފުރަތަމަ ތިންޕޮއިންޓުވެސް ހޯދައި ފުރަތަމަ ލީޑުނެގީ ރާއްޖެއިންނެވެ. ނަމަވެސް ވަކި ހިސާބަކުން ނޭޕާލްގެ އެޓޭކުތައް ވަރުގަދަކޮށް އެޓީމުން މުޅި މެޗުގެ ކޮންޓްރޯލް އަތުލިއެވެ. އެގޮތުން ފުރަތަމަ ސެޓު ނޭޕާލްއިން ގެންދިޔައީ 25-13އިންނެވެ.

ދެވަނަ ސެޓާއި ތިންވަނަ ސެޓުގައި ރާއްޖޭގެ ޓީމަށ ގިނަ ގޯސްތަކެއް ހެދުނެވެ. ނިންމާލަން ލިބުނު ގިނަ ގޯޅަތައް ކާމިޔާބުނުކުރެވި މި ސެޓުން ދިވެހި ޓީމް ބަލިވީ 25-12އިންނެވެ.

ތިންވަނަ ސެޓުގައި ރާއްޖޭގެ ބެންޗުގައި ހިމެނޭ ގިނަ ކުޅުންތެރިންނަށް ކޯޗު ފުރުސަތުދިނެވެ. ފަސޭހަކަމާއިއެކު 25-8އިން މިސެޓު ކާމިޔާބުކޮށް ނޭޕާލުން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ.

މި މުބާރާތުގައި ރާއްޖެ ލީގު ބުރުގައިވެސް ބަލިވީ ނޭޕާލް އަތުން އެކަންޏެވެ. ލީގު ބުރުގައި ދިވެހި ޓީމުންވަނީ ތިން ސެޓު ދެ ސެޓުން ކިރިގިސްތާން ބަލިކޮށް ބަންގްލަދޭޝްއާއި އަފްޣާނިސްތާން ސީދާ ތިން ސެޓުން ބަލިކޮށްފައެވެ.