 
										
			ސަރުކާރުން އެންގެވުމުން ފަތުރުވެރިކަން އިސްތިހާރުކުރުމުގެ އިތުރުން އެހެން ސިނާޢަތްތައްވެސް ޕްރޮމޯޓުކުރުމަށް މަސައްކަތްކުރާނެކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޡައްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ. 
ޡައްޔިބު މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތް އިސްތިހާރުކުރުމުގެ އިތުރުން އެމްއެމްޕީއާރްސީއިން މަސްވެރިކަމުގެ ސިނާޢަތްވެސް ޕްރޮމޯޓުކުރަންޖެހޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. 
ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޡައްޔިބު ވިދާޅުވީ އެމްއެމްޕީއާރްސީގެ މެންޑޭޓުގެ ގޮތުގައި ސަރުކާރުން މިހާތަނަށް ވެސް ކަނޑައަޅާފައިއޮތީ 'ފަތުރުވެރިކަން' ޕްރޮމޯޓުކުރުމަށްކަމަށާއި ކޮންމެ އަހަރަކު އެމްއެމްޕީއާރްސީއަށް ކަނޑައަޅާފައިވާ ބަޖެޓަކީ ވެސް މި ސިނާޢަތު ކުރިއެރުވުމަށް ކަނޑައަޅާފައިވާ ބަޖެޓެއްކަމަށެވެ. ޡައްޔިބު ވިދާޅުވީ އިތުރު ސިނާޢަތްތައް ކުރިއެރުވުމަށް ސަރުކާރުން އެންގެވިހާ އަވަހަކަށް އެކުންފުނިން އެކަންވެސް ކުރާނެކަމަށެވެ. 
"އަޅުގަނޑުމެން ކުރާނަން ސަރުކާރުން ބުނި ކޮންމެ ކަމެއް އިރާދަކުރެއްވިއްޔާ. ދިވެހިރާއްޖޭގެ ޤާނޫނާއި ދީނީގޮތުން ފުށުނާރާ ހުރިހާކަމެއް އަޅުގަނޑުމެން ކުރާނަން. މިވަގުތު އަޅުގަނޑަށް ލިބިފައިވާ މެންޑޭޓަކީ ފަތުރުވެރިކަން ކުރިއެރުވުން. އަޅުގަނޑަށް ލިބިފައި އޮތް ސިޓީގައިވެސް ހުރީ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މިވެނި ޢަދަދެއްގެ ބަޖެޓް ސަރުކާރުން ދީފިޔޭ މިހެން ބުނެފަ. އެހެންކަމަށް ވަންޏާ އަޅުގަނޑަށް މަސްވެރިކަމެއް ވެސް އަދި އެހެންކަމެއް ވެސް ކުރިނޭރުވޭނެ.  އަޅުގަނޑުމެންނަށް ލިޔުމުން އެންގެވިހާ އަވަހަކަށް އަޅުގަނޑުމެން މިކަން ކުރާނަން." ޡައްޔިބު ވިދާޅުވިއެވެ. 
ބަޖެޓު ދިރާސާކުރާ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ އެމްއެމްޕީއާރުސީއަކީ ހަމައެކަނި ފަތުރުވެރިކަން އިޝްތިހާރުކުރަން އޮތް ކުންފުންޏެއްގެ ބަދަލުގައި އެއީ ރާއްޖޭގެ މަސްވެރިކަންވެސް އިޝްތިހާރުކުރާ ކުންފުންޏަކަށް ހަދަންޖެހޭކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓްކުރުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި މަސްވެރިކަމުގެ ސިނާއަތްވެސް އިޝްތިހާރު ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 
އެމްއެމްޕީއާރްސީއަކީ ރާއްޖޭގައި ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ކުންފުންޏެވެ. އެމްއެމްޕީއާރްސީން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 
އެގޮތުން މިއަހަރުގެ މިހާތަނަށް ދުނިޔޭގެ އެކި ޤައުމުތަކުގައި 24 ފެއަރ، 33 ސިޓީއެއްގައި ފޭމް ޓްރިޕް އަދި އެކި ކުންފުނިތަކާގުޅިގެން 5 ޖޮއިންޓް ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވާކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.