ވިޔަފާރި

ފަތުރުވެރިކަން ކުރިއެރުވުމަށް ސަފީރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނަން - ޓޫރިޒަމް މިނިސްޓަރ


ބޭރު ޤައުމުތަކުގައި ތިބި ދިވެހި ސަފީރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ބޭނުންވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓުރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތުދެއްވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ރާއްޖެއިން ބޭރުގައި މިވަގުތު ތިބި ސަފީރުންނަކީ ވަރަށް ހަރަކާތްތެރި ބައެއްކަމަށާއި، އެބޭފުޅުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ބޭނުންވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ތެރޭގައި ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ތިބި ދިވެހި ސަފީރުންނާއި ބައްދަލުވެއްޖެކަމަށާއި، އެ ހުރިހާ ފަރާތްތަކުންވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ޝައުޤުވެރިކަން އެބަހުރިކަމަށެވެ. އަދި އަންނަ އަހަރު މިނިސްޓްރީގެ ފަރާތުން ސަފީރުން ބޭނުންވާ ވަސީލަތްތަކާއި ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލްކުރަންތިބި އެންބަސީތަކުން މީގެކުރިން އެއްވެސް ސަރުކާރަކުން ނުކުރާހާ މަސައްކަތްކުރުމުގެ ވިސްނުން އެބަހުރި. އަޅުގަނޑަށް ވަރަށް ބޮޑަށް މިއަހަރުގެ ތެރޭގައި ފާހަގަކުރެވުނު ރާއްޖޭގައި މިހާރު ތިއްބެވި އެންބެސެޑަރުންނަކީ ވަރަށް އެނަރޖެޓިކް އަދި ރާއްޖެއަށް އިތުރަށް ފަތުރުވެރިން ގެނައުމަށްޓަކައި މަސައްކަތްކުރަން ބޭނުންވެފައި ތިބި ފަރާތްތަކެއްކަން." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގެ 17 ޤައުމެއްގައި ދިވެހި އެންބަސީތައް ހިންގަމުންދާއިރު ދިވެހި ސަރުކާރުގެ ފަރާތުން ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ހިންގާ ހަރަކާތްތަކުގައި އެ ޤައުމުތަކުގައި ހުންނަ އެންބަސީތަކުގެ އެއްބާރުލުން އަންނަނީ ދެމުންނެވެ. ނަމަވެސް ބަޖެޓްގެ ތާށިކަމާއި ވަސީލަތްތައް ނެތުމުގެ ސަބަބުން ފަތުރުވެރިކަން އިޝްތިހާރުކޮށް، ކުރިއެރުވުމަށް ދަތިތަކެއް ހުރިކަން ބައެއް އެމްބަސީތަކުން ފާހަގަކުރެއެވެ.