ޚަބަރު

މަހާނަ ކޮނުނު ޒުވާނާގެ ބަންދަށް 15 ދުވަސް ޖަހައިފި


ކުޅުދުއްފުށީ ކުޑަ މިސްކިތުގެ ގަބުރުސްތާނު ކޮންނަނިކޮށް ހައްޔަރުކުރި ޒުވާނާގެ ބަންދަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިދީފިއެވެ.

ޢުމުރުން 19 އަހަރު މިޒުވާނާ ހައްޔަރުކޮށްފައިވަނީ ކުޑަ މިސްކިތުގައި ގަބުރުސްތާނުގައި މަހާނައެއް ކޮންނަމުންދަނިކޮށް މިދިޔަ އާދިއްތަ ދުވަހު އިރުއޮއްސި 18:30 ހާއިރުއެވެ. ކޯޓުން ބުނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުން އެމީހާ ކޯޓަށް ހާޒިރުކުރުމުން އެމީހާގެ ބަންދަށް ފަނަރަ ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ބަންދުގެ މުއްދަތު މަޖިލީހުގައި އޭނާ ބުނެފައިވަނީ ގަބުރުކޮނުނީ އޭނާގެ ކޮއްކޮއެއް މަރުވެފައިވުމުން ގަބުރުތައް ކޮނުމުން ކޮއްކޮގެ ގަބުރާއި ދިމާވާވެދާނެކަމަށް ގަބޫލުކުރެވުމުންކަމަށެވެ. މަހާނަ ކޮނަމުން ދިޔަ ވަރަކަށް ގޮތްނޭނގޭ މީހަކު އޭނާއަށް ހިތްވަރުދެމުން ދިޔަކަމަށާ އެގޮތުން ހުއްޓާނުލައި މަހާނަ ކޮންނަމުން ދިޔުމަށް އެ މީހަކު ބުނަމުން ދިޔަކަމަށް އެމަޖިލީހުގައި އޭނާ ބުނިކަމަށް ކޯޓުން މައުލޫމާތުދެއެވެ. އަދި މަހާނަ ކޮންނަމުން ދިޔަ ވަގުތު އޭނާގެ ފައިން ވިދުވަރެއް އަރަމުން ދިޔަކަމަށާ ގަބުރަސްތާނަށް ގަބުރު ކޮނުމަށް ވަނީވެސް ބިރުން ހުރެކަމަށް އޭނާވަނީ ބަންދުގެ މަޖިލީހުގައި ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކުރިއިރުވެސް މަސްތުވެފައި ވާކަމަށް ބެލެވޭކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ ކޯޓަށް އޭނާ ގެންދިޔައިރުވެސް އޭނާ ހުރީ މަސްތުވުމަށް ބޭނުންކުރި އެއްޗެއްގެ އަސަރު މުޅިން ނުފިލައި މަސްތުގެ ހާލަތެއްގައިކަމަށް ބެލެވޭކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.