ވިޔަފާރި

ވިޔަފާރިތަކަށް އެހީވުމަށް ބީއެމްއެލްއިން މާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި


ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބެންކް އޮފް މޯލްޑިވްސްއިން މާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފިއެެވެ.

ބީއެމްއެލްއިން ހުޅުވި މި ބިޒްނަސް ސެންޓަރު ހުންނަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ފަސްމީރު ބިލްޑިންގގައެވެ. ބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އެވެ.

މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އޭގެއިތުރުން ވިޔަފާރިއާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި، ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މަރޗަންޓް ހިދުމަތްތަކަށް އެހީތެރިކަން މި ބިޒްނަސް ސެންޓަރުން ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން މިހާރުވެސް އެކި އެކި ދާއިރާގެ ވިޔަފާރި ހިންގާ 1300 ވިޔަފާރިތަކަށް 800 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށެވެ.

ބީއެމްއެލްއިން މި އަހަރު ތެރޭގައި އައްޑޫ ސިޓީގައިވެސް ބިޒްނަސް ސެންޓަރެއް ވަނީ ހުޅުވާފައެވެ. އަދި ކައިރި މުސްތަގްބަލެއްގައި މިފަދަ ސެންޓަރުތައް ހުޅުމާލެ އަދި ކުޅުދުއްފުށީގައި ވެސް ހުޅުވިގެންދާނެކަމަށް އެ ބެންކުން މައުލޫމާތުދެއެވެ.