ކުޅިވަރު

ސިޑިބަރިތައް ހުޅުވޭކަށް ނެތް، މެޗަށް ވިއްކަނީ 3000 ޓިކެޓް!


ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ބުރާސްފަތި ދުވަހު ދިވެހިރާއްޖެއާއި ފިލިޕީންސް ވާދަކުރާ މެޗަށް ރަސްމީ ފުޓްބޯޅަ ދަނޑުގައި ބަންދުކޮށްފައި އޮތް ސިޑިބަރިތައް ބޭނުން ކުރެވެން ނެތް ކަމަށާއި، މި މެޗުގައި ސަޕޯޓަރުން ވިއްކުމަށް ހަމަޖެހިފައިވަނީ 3000 ޓިކެޓް ކަމަށް އެފްއޭއެމުން ބުނެފިއެވެ.

ސަލާމަތީ ގޮތުން ރައްކާތެރި ނުވާތީ ބޭނުންކުރުން މަނާކޮށްފައިވާ، ގަލޮޅު ދަނޑުގެ ސަހާރާ ފަޅީގެ ސިޑިބަރި އަދި ބޮޑުގޭޓް ފަޅީގެ ސިޑިބަރި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިއަށް އޮތް ދެ މެޗުގައި ބޭނުންކުރެވޭނެ ގޮތެއްވޭތޯ ބައްލަވަން ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު މަސައްކަތް ކުރެއްވިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް ވިދާޅުވީ، ރާއްޖެއާއި ފިލިޕީންސް އަންނަ ބުރާސްފަތި ދުވަހު ކުޅޭ މެޗުގެ ޓިކެޓް ވިއްކަން މިއަދު ހަވީރު އެފްއޭއެމް އެއް ނަންބަރު ޓާފު ދަނޑުގައި ފަށާނެކަމަށާއި، ޓިކެޓާއެކު ޤައުމީ ޓީމުގެ ޖާޒީ ވެސް ވިއްކުމަށް ހަމަޖެހިފައިވާކަމަށެއެވެ.

ޖަވާޒް ވިދާޅުވީ ދަނޑަށް އިތުރު ސަޕޯޓަރުން ވެއްދުމަށްޓަކައި މިހާރު ބަންދުކޮށްފައިއޮތް ސިޑި ބަރިތައް ބޭނުން ކުރެވޭތޯ މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ސަޕޯޓަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްތަކައި އެތަން ހުޅުވެން ނެތްކަމަށެވެ.

މި ސަބަބާއި ހުރެ މި މެޗަށް ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވަނީ 3000 ޓިކެޓް ކަމަށާއި އޭގެ 15 ޕަސެންޓް ޓިކެޓް ޚާއްސަކޮށްފައިވަނީ ފިލިޕީންސް ސަޕޯޓަރުންނަށް ކަމަށެވެ. އެއީ ފީފާ ގަވާއިދުގެ ދަށުން ކުރަން ޖެހޭ ކަމެކެވެ. އެހެންކަމުން ދިވެހި ސަޕޯޓަރުން ވިއްކާނީ 2550 ޓިކެޓްއެވެ.

ޓިކެޓު ވިއްކުމުގެ ހަރާކާތް މިއަދު ހަވީރު ފަށާއިރު މި ހަރަކާތުގެ ތެރެއިން ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އެފްްއޭއެމް އިން މަޢުލޫމާތުދެއެވެ.