ކުޅިވަރު

މުޅި ޓީމްގެ ރޫޚު ވަރަށް ވަރުގަދަ، އެންމެންގެ ތިބީ އެއް އަޒުމެއްގައި: ޝައްފަ


ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރަކީ ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިން އެކަކު އަނެކަކަށް ކުރާ އިތުބާރު ކަމަށާއި މިއީ ވޮލީބޯޅައިގެ ހަޔާތުގައިވެސް ބައިނަލްއަޤްވާމީ މައިދާނަށް ނިކުތް އެންމެ ޓީމްވޯކް ރަނގަޅު ޤައުމީ އަންހެން ޓީމުކަމަށް، ކުރީގެ ޤައުމީ ކެޕްޓަން އައިޝަތު ޝައްފަ ބުނެފިއެވެ.

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭވީސީ ސެންޓްރަލްޒޯން ވޮލީބޯޅަ މުބާރާތުގައި ޤައުމީ ޓީމް ވަނީ ލީގު ބުރުގައި ބާކީ އެއް މެޗް އޮއްވައި، ފައިނަލުން ޖާގަ ހޯދާފައެވެ. މި ކާމިޔާބީ އާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޓީމުގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ ޝައްފަ ބުނީ، މިޓީމަކީ ވޮލީބޯޅަ ހަޔާތުގައިވެސް އޭނާ ކުޅުނު އެންމެ ޓީމްވޯކް އެންމެ ރަނގަޅު އަންހެން ޤައުމީ ޓީމް ކަމަށާއި، މިކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރަކީ ޓީމެއްގެ ގޮތުގައި މެޗުތެރޭގައާއި ކޯޓުން ބޭރުގައިވެސް ކުޅުންތެރިން އެކަކު އަނެކަކަށް ކުރި އިތުބާރު ކަމަށެވެ.

މިދިޔަ ފަސް އަހަރު ޓީމްގެ ކެޕްޓަން ބުނީ މިއީއެންމެ ގިނަ ގޮންޖެހުންތަކާއި ކުޅުންތެރިން ކުރިމަތިލާން ޖެހުނު މުބާރާތް ކަމަށާއި، ނަމަވެސް އެ ހުރިހާ ޗެލެންޖަކާއި ކުރިމަތިލައިގެން ތާރީޚީ ކާމިޔާބީ މިހޯދުނީ ކުޅުންތެރިންގެ ބުރަ މަސައްކަތުންކަމަށެވެ.

ޝައްފަ ބުނީ މިއީ ކުޅެން ފެށީއްސުރެން އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި، މިކަން ހާސިލްކުރަން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އަދި މިޓީމަށް މިމުބާރާތުން ރަންމެޑަލްވެސް ހޯދިދާނެ ކަމަށާއި، ގަދައަޅާ މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވޭނެކަން މިހާރު އެންމެންނަށްވެސް ފެނިއްޖެކަމަށް ޝައްފަ ބުންޏެވެ.

"މިއީ އަޅުގަނޑު އަބަދުވެސް ދެކެމުން އައި ހުވަފެނެއް، މި ހުވަފެން ދެކޭތާ އެތައް އަހަރެއް ވެއްޖެ، މި ހުވަފެން ހަގީގަތަކަށް ހަތަން އެތައް ދަލެއް އޮހޮރުވިިއްޖެ، ވަރަށް ބުރަ މަސައްކަތުން އެކަން ހަގީގަތަކަށް މި ހެދުނީ، އަނެއްކޮޅުން މިއީ މިހާތަނަށް މިޓީމް އެންމެ ގިނަ ޗެލެންޖުތަކާއި ކުރިމަތިލާން ޖެހުނު ފަހަރު، އެހެންވީމަ އަޅުގަނޑު ގަބޫލުކުރާނީ މިއީ ޓީމެއްގެ ގޮތުގައި އެއް ކުޅުންތެރިއެއް އަނެއް ކުޅުންތެރިއަކަށް އެހާ ބޮޑު އިތުބާރެއް ކުރުމުން ލިބުނު ކާމިޔާބީއެއް، މިޓީމަށް މިމުބާރާތުން ގޯލްޑްވެސް ހޯދިދާނެ، އިންޝާﷲ މިއީ އަހަރުމެންގެ ފަހަރެއް" އުފަލުން ފެންކަޅިވެފައިހުރި ޝައްފަ ބުންޏެވެ.