ގދ. ތިނަދޫގެ މުވައްސަސާތަކުގެ މެދުގައި ފުޓްސަލް މުބާރާތެއް ފަށައިފިއެވެ. ރޭ ފެށި މި މުބާރާތުގައި ޖުމްލަ 15 ޓީމަކުން ބައިވެރިވެއެވެ. މިމުބާރާތުގައި ޓީމުތައް ކުޅޭނީ 4 ގްރޫޕެއްގައެވެ.
އެގޮތުން މުބާރާތުގެ ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ކާޑެއްދޫ ޕޯސްޓްގެ އެވެސްކޮމް ސެކިއުރިޓީ ޓީމާއި ގދ. އަތޮޅު ކައުންސިލްގެ ޓީމެވެ.
އެ މެޗުން އަތޮޅު ކައުންސިލް ކުރި ހޯދީ 1-2 ލަޑުންނެވެ. މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ އަތޮޅު ކައުންސިލް ޓީމުގެ ޖާރޒީ ނަމްބަރު 7، އަލީ މޫސާއެވެ.
ރޭ ގެ ދެވަނަ މެޗުގައި ބައްދަލު ކުރީ ތިނަދޫ ޕޮލިސް އާއި ތިނަދޫ ކައުންސިލްގެ ޓީމެވެ. އެ މެޗުގައި މޮޅު ކުޅުމެއް ދައްކައި ތިނަދޫ ޕޮލިސް ކުރި ހޯދީ 1-6 ލަނޑުގެ ނަތީޖާއިންނެވެ.
އެ މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ ތިނަދޫ ޕޮލިސް ޓީމަށް ތިން ލަނޑު ޖަހައިދިން އަބްދުﷲ ލަތީފެވެ.
ތިނަދޫ އިޖްތިމާއީ މަރުކަޒުން އިންތިޒާމުކޮށްގެން ބާއްވާ އެ މުބާރާތް ފައްޓަވައިދެއްވީ ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް މުޢުނީ އެވެ. މުބާރާތް ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މުޢުނީ ވިދާޅުވީ އެރަށު އިޖްތިމާއީ މަރުކަޒު ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް އޮތުމަށް ނިމުމެއް އައިސް އެފަދަ ޙަރަކާތެއް އިންތިޒާމުކުރެއްވީތީ ޓީމުތަކަށް އޭނާ ހިއްވަރު ދެއްވާފައި ވެއެވެ.